އެއިންޓްރަކްޓް ފްރޭންކްފާޓް 0-2 އިން ބަލިކޮށް އާރްބީ ލީޕްޒިގުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖަރުމަން ކަޕް ކާމިޔާބުކޮށްފިއެވެ.

އެ ޓީމުން މިދިޔަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރެއިބާގް ބަލިކޮށްގެންނެވެ. އޭގެކުރީން، ދެ ފަހަރެއްގެ މަތީން ފައިނަލްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވެއެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޓިމޯ ވާނާ ވަނީ ލީޕްޒިގަށް ލީޑްނަގައިދޭން ލިބުނު ރަނުގެ ފުރުޞަތެއް ނަގާލައިފައެވެ. ނަމަވެސް، މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، ޑަނީ އޮލްމޯ ދިން ބޯޅައަކުން ކްރިސްޓޮފާ އެންކުންކޫ ވަނީ ލީޕްޒިގަށް ލީޑްނަގައިދީފައެވެ.

އަދި އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެންކުންކޫ ތަނަވަސްކުރި ފުރުޞަތަކުން ހަންގޭރީގެ މިޑްފީލްޑަރު، ޑޮމިނިކް ސޮބޮސްޒްލާއީ ވަނީ ލީޕްޒިގަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މާކޯ ރޯސްގެ އިރުޝާދުގެ ދަށުން ހޯދީ ފުރަތަމަ ތަށްޓާއެކު ލީޕްޒިގަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާއިރު އެ ޓީމުން މި ފަހަރުގެ ސީޒަނުގައި ބުންޑެސްލީގާގެ ތިންވަނަ މަގާމް ހާސިލްކުރިއެވެ.