ނަސީރުއްދީން ޝާހު އަކީ އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ އެންމެ ތައުރީފު ލިބިފައިވާ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ.
އޭނާ ވަނީ މިދިޔަ އަހަރުތަކުގައި ގިނަ ފިލްމުތަކަށް އެތައް އެވޯޑެއް ހޯދާފައެވެ. އިންޓަވިއުއެއްގައި އޭނާ ވަނީ މި އެވޯޑްތައް ސީރިއަސްކޮށް ނުނަގާކަން ހާމަކޮށް، ފިލްމްފެއާ އެވޯޑްތައް އޭނާގެ ގޭގެ ފާހާނާތަކުގެ ދޮރުއަތްގަނޑުގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެފަ އެވެ.
ނަސީރުއްދީން ޝާހު ވަނީ ޕާރ، ސްޕާޝް އަދި އިޤްބާލްގެ މަސައްކަތްތަކަށް ތިން ޤައުމީ އެވޯޑް ލިބިފައެވެ. އަދި އަކްރޯޝް، ޗަކްރާ އަދި މަސޫމް ފަދަ ފިލްމުތަކުން އޭނާ އަށް ފިލްމްފެއާގެ ތިން އެވޯޑެއް ވެސް ލިބިފައިވެ އެވެ. އިންޓަވިއުއެއްގައި އެކްޓަރު ވަނީ އެވޯޑްތައް ސީރިއަސްކޮށް ނުނަގާ ގޮތާއި އެއީ އިންޑަސްޓްރީގައި ލޮބީ ކުރުމުގެ ނަތީޖާއެއް ކަމަށް ހީވާ ގޮތުގެ ވާހަކަ އަށް އަޅުވާލާފައެވެ.
ދަ ލަލަންޓޮޕް އަށް ދިން އާ އިންޓަވިއުއެއްގައި އެކްޓަރު އެވޯޑްތަކާ މެދު ދެކޭ ގޮތާއި ގޭގައި އެވޯޑްތައް ދޮރު އަތްގަނޑުގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނާ އަޑުތަކުގައި އެއްވެސް ހަގީގަތެއް އޮތްތޯ ސުވާލު ކުރި އެވެ. އެކްޓަރު ހީލަމުން އިތުރަށް ބުނީ "ރޯލެއް ކުޅެން ފުރާނައާއި ބުރަ މަސައްކަތެއް ކުރި ކޮންމެ އެކްޓަރަކީ ވެސް މޮޅު އެކްޓަރެއް.އެންމެންގެތެރެއިން އެންމެ މީހަކު ހޮވައިގެން 'މިއީ އަހަރުގެ އެންމެ މޮޅު އެކްޓަރު' ކަމަށް ބުނާނަމަ ކިހިނެއް ވާނީ" އޭނާބުންޏެވެ. "އަޅުގަނޑު އެ އެވޯޑްތަކާ މެދު ފަޚުރުވެރިއެއް ނުވޭ، އަޅުގަނޑަށް ލިބުނު އެންމެ ފަހު ދެ އެވޯޑް ވެސް ހޯދަން ނުދަން. އެހެންވީމާ، އަޅުގަނޑު ފާމްހައުސްއެއް ހެދިއިރު އަޅުގަނޑު ނިންމީ މި އެވޯޑްތައް އެތަނުގައި ބަހައްޓަން. ފާހާނާގެ ހެންޑްލްތައް ހަދާފައިވަނީ ފިލްމްފެއާ އެވޯޑްތަކުން." އޭނާ ބުންޏެވެ.
