ރާއްޖޭގެ 67 ރަށުގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު އިންޑިއާ އިން ރާއްޖެއާ ހަވާލުކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މި ސާމާނު ޙަވާލުކޮށްފައިވަނީ ގަަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދަން ޝްރިންގްލާ އެވެ.
ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްތަކަށް ޒިޔާރަތްކުރެއްވި ކަމަށާއި އެހެންނަމަވެސް މަދު ރަށެއްގައި މެނުވީ ކުޑަކުދިންނަށް އެ ކުދިން ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ.
"އެހެންކަމުން މުޖުތަމައު ބާރުވެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކްތައް ގާއިމްކުރެއްވުމަށް ނިންމައި އެމަސައްކަތް ފެށީ. އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުން. މިއީ ކުޑަކުޑަ ޕްރޮޖެކްޓެއް ކަމަށް ބަޔަކު ހީކޮށްފާނެ. އެކަމަކު މިއީ ޕާކް ބޭނުންވެފައި ތިބި ރަށްތަކުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޕްރޮޖެކްޓެއް." މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފް ވިދާލުވީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓާއެކު ރަށްރަށުގައި ތިބި އެތައް ހާސް ކުޑަކުދިންނެއްގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެ ކަމަށެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އެކުވެރި ގައުމުކަމަށެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ސަންޖޭ ސުދީރު އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
