ޓޮމާޓޯ އަކީ ވަރަށްގިނަ މީހުން، އެމީހުންގެ ކެއުމުގައި އާދަކޮށް ބޭނުން ކުރާ ތަރުކާރީއެކެވެ. ސެލެޑު ހެދުމާއި ބައެއްކަހަލަ ބަތް ކެއްކުމާއި ސޭންޑްވިޗްފަދަ ތަކެތި ތައްޔާރުކުރުމަށް ޓޮމާޓޯ ބޭނުން ކުރެވެއެވެ. ފެން ގިނަ މި ތަރުކާރީ އަކީ ރޮލާ ކެވޭ ތަރުކާރީއަކަށް ވާއިރު، މިއީ ބައެއްމީހުންނަށް ވަރަށް މީރު ތަރުކާރީއެއްވެސް މެއެވެ.
ކެއުމުގައި ޓޮމާޓޯ ބޭނުން ކުރެވޭ މިންވަރު، މަދުކުރަންޖެހޭ މީހުން އެބަ އުޅެއެވެ. މުޅިން ބޭނުން ނުކުރުމެއް ނޫނެވެ. ނަމަވެސް މަދުކުރުމެވެ. އެއީ ގުރުދާގެ ހިލަ ހުންނަ މީހުންނެވެ. ނުވަތަ ކިޑްނީ ސްޓޯންސް ނުވަތަކަ ކިޑްނީގައި ހިލަ ހުންނަ މީހުންނެވެ. ބައެއްފަހަރު، ސީދާ ހިލަ ނެތްކަމުގައި ވީނަމަވެސް، ކުނޑި (ކްރިސްޓަލްސް) ހުންނަ ހާލަތުގައިވެސް ޓޮމާޓޯ ކެއުން މަދުކުރުން ބުއްދިވެރިއެވެ. ޓޮމާޓޯގެ ޕޭސްޓް ތަކާއި ރޯ ޓޮމާޓޯއެވެ.
ޓޮމާޓޯގައި ހުންނަ އޮކްސަލޭޓް ނަމަކަށް ކިޔާ މާއްދާ އަކީ ކެލްސިއަމާއި އެކުވެ، ގުރުދާގައި، ކެލްސިއަމް އޮކްސަލޭޓް ހިލަ އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު މާއްދާއެކެވެ. ކެލްސިއަމް އޮކްސަލޭޓް އަކީ ގުރުދާގައި އެއްމެ އާއްމުކޮށް އުފެދޭ ކުނޑި ނުވަތަ ހިލައެވެ.
މާޒީގައި ގުރުދާގައި ހިލަ އުފެދިފައިވާ މީހެއްނަމަ، ކެއުމުގައި ބަލަންވާނެއެވެ. އޮކްސަލޭޓް ގިނަ އަދަދަކަށް ހުންނަ ކާނާ ކެއުން މަދުކުރަންވާނެއެވެ. ހާއްސަކޮށް ޓޮމާޓޯއެވެ. ޓޮމާޓޯގެ އިތުރުން އޮކްސަލޭޓް ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީގެ ތެރޭގައި ސްޕިނެޗް، ބީޓްސް އަދި ރުބާބްސް ހިމެނެއެވެ. މި ކާނާތަކަކީވެސް ދުރުދާގައި ހިލަ އުފެދޭ މީހުން ކެއުން މަދުކުރަން ޖެހޭނޭ ކާނާ ތަކެވެ. މި ލިޔުމުގައި ޓޮމާޓޯގެ ނަން ހާއްސަކޮށް ގެނެވިފައި މިވަނީ މިއީ ދިވެހިންގެ ކެއުމުގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ތަރުކާރީގެ ބާވަތަކަށް ވާތީއެވެ.
ހަވާލާ: ޑރ ސަރ އެންޓޮނީ ލޫސިއާ، ހެލްތްލައިން - -2021
