މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މި ޖޫން މަހުގެ 15 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ މި  ޖޫން މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ މި ޖަލްސާއޮންނާނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ. އެ ކުންފުނީގެ  2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިއަހަރުގެ އޭޕްރީލް 12 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.

އެގޮތުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި 2022 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނު ކުރާނެ ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އައްޔަނު ކޮށްފައިވާ އަދި އިންތިޚާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުން ވެސް މި ޖަލްސާގައި އޮންނާނެ ކަމަށް ބުނެއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަށް 4 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ.