މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ ދަފްތަރު“ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފިއެވެ.

މި ދަފްތަރު އެ ކައުންސިލުގެ ވެބްސައިޓުގައި 06 ޖޫންގައި ޝާއިއުކުރިއިރު، މިހާތަނަށް 14 މީޑިއާއަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް، މީޑިއާތަކުގެ އާންމު މަޢުލޫމާތާއި، ނެރުމަށް ކަނޑައެޅިފައިވާ ގޮތް އެކުލެވޭ ދަފްތަރެކެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނެހެން ވަކިވަކީން ނުވަތަ އެއްކޮށް އަދާހަމަ ދިވެހި މީޑިއާ ދަފްތަރެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ.

އެހެންކަމުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، "ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު" އެކުލަވާލައި، އެ އުސޫލުގައި ބަޔާންކޮށްފައިވާ މީޑިއާ ދަފްތަރު އެކުލަވާލުމާ ގުޅޭ ކޮމިޓީއަކުންނެވެ. މީޑިއާތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ގޫގްލް ފޯމެއް ތައްޔާރުކޮށް މީޑިއާތަކާއި ވަނީ ހިއްސާކޮށްފައެވެ. މީޑިއާތައް ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ، މި ފޯމް މެދުވެރިކޮށް ހޯދާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ ކޮމިޓީން ބަލައި ކަށަވަރުކުރުމަށްފަހުގައެވެ. 

މި އާންމުކުރެވުނު ދިވެހި މީޑިއާގެ ދަފުތަރު، ކޮންމެ ތިން މަހުން އެއްފަހަރު އަދާހަމަކޮށް ބަލަހައްޓާނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިދާރާއިންނެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅަވާލާފައެވެ.