މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުން މޮޅުވެ، ރާއްޖޭގެ އެއްވަނަ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤުގެ ޕެއާ އެ އިވެންޓްގެ ގަދަ 16 ބުރުން ފުރުޞަތު ހޯދިއިރު ފިރިހެން ޑަބަލްސް އިވެންޓްގައި ޒަޔާން އާއި އަހުމަދު ތޯއިފް މުހައްމަދުގެ ޕެއާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.
ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ އިއްޔެ ކުޅެވުނު ގަދަ 32 ބުރުގައި މެލޭޝިއާގެ ތަން ކިއެން ވެއި އާއި ތަން ޝެން ތިން އަތުން 2-1 އިން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ޒަޔާން އާއި ނަބާހާގެ ޕެއާ ގެންދިޔައީ 21-16، 20-22 އަދި 21-19 އިންނެވެ.
މިކްސް ޑަބަލްސް އިވެންޓްގައި ދެން ވާދަކުރި މުޙައްމަދު އަދީމް އާދަމް އާއި ޝައިބާ މުޙައްމަދު ޝަރީފްގެ ޕެއާ ވަނީ މެލޭޝިއާގެ ލިމް ޒީ ޖިއާން އާއި ހާއޮ ޝަން ސިއޯ އަތުން 21-7، 21-7 އިން ބަލިވެފައެވެ. މި އިވެންޓްގައި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ އަހުމަދު ނިބާލް އާއި ނީލާ ނަޖީބު ކުޅެން ހަމަޖެހިފައި އޮތް މެޗު ވޯކްއޯވާ ވުމުން އަނެއް ބުރަށް ދަތުރުކުރީ ސައުދީ އަރަބިއްޔާގެ މެހްދާ ޝެއިހް އާއި ޚަދީޖާ ލަތީފްގެ ޕެއާ އެވެ.
ފިރިހެން ޑަބަލްސް އިވެންޓްގައި ރޭ މުބާރާތުގައި ދެވަނަ އަށް ސީޑްކުރެވިފައިވާ ތައިލެންޑްގެ ޕެއާ ކަމަށް ޕަރަންޔޫ ކައޯސަމާންގެ އާއި ވޮރާޕޮލް ތޮންގްސާ-އެންގާ އަތުން ރާއްޖޭގެ ޒަޔާން އާއި ތޯއިފްގެ ޕެއާ ބަލިވީ 21-12، 21-9 އިންނެވެ. މި އިވެންޓްގައި ރޭ ކުޅުނު އަނެއް މެޗުގައި ރާއްޖޭގެ މުޙައްމަދު އައްޔޫބް އަޒްހަރު އާއި ގާސިމް ލިޔާހު އަބްދުލް ލަތީފްގެ ޕެއާ ބަލިވީ ޖަޕާންގެ ޓަކޫމީ ނޮމޫރާ އާއި ޔުއިޗީ ޝިމޮގާމީ އަތުން 21-5، 21-1 އިންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަންހެން ޑަބަލްސް އިވެންޓްގެ މެޗުތަކަށް ބަލާއިރު ރާއްޖޭގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ވަނީ އިންޑިއާގެ ޓްރިޝާ ހެޖް އާއި ޚުޝީ ޓައްކަރު އަތުން 5-21، 16-21 އިން ބަލިވެފައެވެ. މި އިވެންޓްގައި ރާއްޖޭގެ އާމިނަތު އީމާން އާއި ޝައިބާގެ ޕެއާ އަތުން ސައުދީ އަރަބިއްޔާގެ ޚަދީޖާ ލަތީފް އާއި ހަޔާ އަލްމުދާރާގެ ޕެއާ މޮޅުވީ 9-21، 10-21 އިންނެވެ.
ފިރިހެން ސިންގަލްސް އިވެންޓްގައި އިއްޔެ ކުޅުނު އެއްވެސް މެޗަކުން ރާއްޖޭގެ ކުޅުންތެރިންނަށް މޮޅެއްނުވެވުނެވެ. ގަދަ 64 ގެ ބުރުގައި އިންޑިއާގެ ދްރޫވް ކުމާރު އަތުން 21-16، 21-14 އިން ރާއްޖޭގެ ޒަޔާން ބަލިވިއިރު، އަހުމަދުނިބާލް ވަނީ އިންޑިއާގެ ޝްރެޔާންޝް ޖެއިސްވާލް އަތުން 21-19، 21-15 އިން ބަލިވެފައެވެ. މި އިވެންޓްގައި ވާދަކުރި ރާއްޖޭގެ އިބްރާހިމް އަލީ ހައިޝަމް ވަނީ އިންޑިއާގެ އާރްޔާ ބިވްޕަތާކީ އަތުން 21-5، 21-10 އިން ބަލިވެފައެވެ.
