ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށެވެ.

ކޯވިޑުގެ ޙާލަތާ ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ މި އަހަރު ނުބާއްވަވާ ގޮތަށް ހަމަޖައްސަވާފައިވާ އިރު، މި ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ދެއްވުމަށް ނިންމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މިހާރުވަނީ ފަސްކުރައްވާފައެވެ.

މިހާރު ނިންމަވާފައިވަނީ ޤައުމީ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ވަކިން ޚާއްޞަ ޖަލްސާއެއް ބާއްވަވާގޮތަށެވެ.

މި ޖަލްސާ ބާއްވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެއެވެ.