މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މިއަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކ. ތުލުސްދޫގައި ބޭއްވޭ ހަތަރު އިވެންޓެއްގެ މައްޗަށެވެ.

މިގޮތުން 'ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2023' ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ ޖޫން މަހުގެ 17 އިން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. އަނެއް ތިން އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިންގ ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީ ވެސް  ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އެމް.ބީ.ބީ.އޭގެ ރައީސް، އަބްދުالله އަރީފް ވިދާޅުވީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައި ވެސް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.