މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެއެވެ.
މި ޖޫން މަހުގެ 5 އިން 10 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 33 ގައުމަކުން ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރެއެވެ. އޭގެތެރޭގައި ރާއްޖޭގެ 30 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނެއެވެ.
ގަދަ 16 ބުރުގައި ރާއްޖޭގެ އެއްވަނަ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤުގެ ޕެއާ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު އެއްވަނަ އަންހެން ޑަބަލްސް ޕެއާ، ނަބާހާ އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާޤު ރޭ ކުޅުނު މެޗުން ބަލިވެ، ވަނީ މުބާރާތުން ކަޓާފައެވެ.
ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލްގައި އިއްޔެ ކުޅުނު ގަދަ 16 ބުރުގެ މިކްސް ޑަބަލްސް މެޗުގައި އިންޑިއާގެ ދީޕް ރަމްބިއާ އާއި އަނާގާ އަރަވިންދާ ޕާއި އަތުން ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ބަލިވީ 21-15، 21-19 އިންނެވެ.
އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގެ މެޗުގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވާދަކުރި އިންޑިއާގެ އަނާގާ އާއި ރިދީ ކޯރް ތޫރް އަތުން ބަލިވީ 18-21، 08-21 އިންނެވެ. އަދި މި އިވެންޓްގައި ވާދަކުރީ ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ ޝުބާ މުޙައްމަދު ޝަރީފް އާއި އައިޝަތު ޒޯޔާ ހުސެއިން ވަނީ 09-21، 10-21 އިން އިންޑިއާގެ ނިކީ ރަޕްރިއާ އާއި ނިޝޫ ރަޕްރިއާގެ ޕެއާ އަތުން ބަލިވެފައެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އަންހެން ސިންގަލްސް ގަދަ 32 ބުރުގެ މެޗުގައި މިޔަންމާގެ ތޭ ތާރް ތޫޒާރް ވަނީ ފަސޭހަކަމާއެކު 05-21، 09-21 އިން ނަބީހާ އަތުން މޮޅުވެފައެވެ. މި ބުރުގައި ރާއްޖޭން ދެން ވާދަކުރި ޝުބާ ވަނީ އިންޑޮނޭޝިއާގެ ޔޫލިއާ ޔޮސެފީން ސުސާންޓޯ އަތުން 21-05، 21-08 އިން ބަލިވެފައެވެ.
މި ފަހަރުގެ ލިނިން އިންޓަނޭޝަނަލް ޗެލެންޖް މުބާރާތަކީ ހަވަނަ މުބާރާތެވެ. މީގެކުރީން، 2011، 2012، 2013، 2019 އަދި 2022 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވެއެވެ.
