އޮމާން އެއަރ ގެ ދަތުރުތައް މި މަހު 24 ގައި ރާއްޖެއަށް ފެށުމަށް ނިންމައި، ތައްޔާރީތައް ވާން ފަށައިފިއެވެ.
މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް މިދަތުރުތައް މި ޖޫން މަހުގެ 24 ވަނަ ދުވަހު ފަށާއިރު، މި ދަތުރުތައް ކުރާނީ އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އަދި ހަފްތާއަކު ހަތަރު ދުވަހު ކުރުމަށް ވަނީ ނިންމާފައެވެ.
އޮމާން އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި ޓިކެޓު އަގަކީ 385 އެމެރިކާ ޑޮލަރެވެ.
އޮމާން އެއާ އިން 2019 2016 އަދި ފަހުން 2018 ވަނަ އަހަރު ވެސް ދަތުރުތަކެއް ކޮށްފައިވެ އެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން މިދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
އޮމާން އެއަރގެ އިތުރުން ވާޖިން އެޓްލާންޓިކުން ވެސް ރާއްޖެއަށް ދަތުރުތައް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާރޗު މަހުގެ ނިޔަލަށް އެ އެއަރލައިނުން ދަތުރު ކުރުމަށް ނިންމާފައިވާއިރު، ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބާއްވަން ވަނީ ނިންމާފައެވެ.
ލަންޑަން ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ދަތުރުތައް އޮންނާނީ ބުދަ، ހުކުރު އަދި އާދިއްތަ ދުވަހެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލަންޑަން ހީތުރޯ އެއަރޕޯޓަށް ދަތުރުތައް ބާއްވާނީ ހޯމަ ދުވާހައި، ބުރާސްފަތީގެ އިތުރުން ހޮނިހިރު ދުވަހެވެ.
ވާޖިން އެޓްލާންޓިކުގެ ފުރަތަމަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 22 ގައެވެ.
ވާޖިން އެޓްލާންޓިކުން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުން 34 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ޝަންހާއީ އާއި ދެލީ، މުމްބާއީ، މަޔާމީ އަދި ވޮޝިންޓަން ހިމެނެއެވެ.
ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް ބާއްވަން ހަމަޖެހިފައެވެ. ހަމައެއާ އެކު މި އަހަރު ތެރޭ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ބާއްވަން ފަށައިފައި ވެސް ވެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކުރާ މައުލޫމާތަށް ބަލާއިރު 35 އެއަރލައިނެއްގެ ދަތުރުތައް ރާއްޖެއަށް ކުރެއެވެ.
