ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަސްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްދުއާއެކު މަޝްވަރާކުރެއްވިއެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ޤައުމުގެ ފޮރިން ސެކްރެޓަރީއިން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ޑިފެންސް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލުކުރެއްވިއެވެ.
ދެޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއާއި އިންޑިއާ އާ ދެމެދު މި ދަތުރުފުޅުގައި 4 އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވެއެވެ.
