ބ.ކެންދޫ ކައުންސިލްގެ 6 ވަނަ ފުޓްބޯޅަ މުބާރާތުގެ ކުޅުން މި މަހު 16 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު 15 ޖޫން ވާ ދުވަހު ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތާއި ގުޅިގެން ކެންދޫ ސުކޫލުގެ ދަރިވަރުންގެ މެދުގައި ޗެރިޓީ މެޗެއްވެސް ކުޅެވޭނެއެވެ. އަދި އެ މެޗު ކުޅެގެން ލިބޭ ފައިސާގެ އެހީ، ކެންދޫ ސުކޫލުގެ ތައުލީމީ ކަންކަމަށް ހަދިޔާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކެންދޫގައި މި ފަހުން ހެދުނު ޓާފް ދަނޑުގައި ކުޅެވޭ ފުރަތަމަ މުބާރާތެވެ.
ކެންދޫގައި މީގެ ކުރިން އޮތް ދަނޑަކީ އިރުން ހުޅަނގަށް އޮތް ވެލިދަނޑެކެވެ. 2019 ވަނަ އަހަރު، އެ ދަނޑުގައި ކުޅެވުނު ކައުންސިލް ފުޓްބޯޅަ މުބާރާތަށްފަހު، އެ ދަނޑު އުތުރުން ދެކުނަށް ބަދަލުކޮށް ޓާފު އެޅުމަށްފަހު މިއަހަރު މި މުބާރާތް ކުޅޭއިރު، ޖުމުލަ 7 ޓީމު ބައިވެރިވިއެވެ. މިއީ ކެންދޫގެ އާބާދީއަށް ބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ. މިކަމުން ކެންދޫ ޒުވާނުންގެ ހިތްތަކުގައި ފުޓުބޯޅައަށް އޮންނަ ލޯބި ހާމަވެގެން ދެއެވެ.
2019 ވަނަ އަހަރަށްފަހު މި އަހަރު މި ބޭއްވޭ ކެންދޫ ފުޓްބޯލް ޗެލެންޖަކީ ކުރީގެ މުބާރާތްތަކާއި ތަފާތު މުބާރާތެކެވެ. ކުރީގެ މުބާރާތްތައް ރީ-ބްރޭންޑް ކުރުމަށްފަހު ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ނަމުގައި ކުޅެވޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ޓްރޮފީ އަކީވެސް ރީ-ބްރޭންޑް ކުރެވިފައިވާ، ކެންދޫއާއި ސީދާ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ޓްރޮފީއެކެވެ.

ޖޫން މަހު 1 ވަނަ ދުވަހު ވަނީ މި މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާގައި މި މުބާރާތުގެ ލޯގޯވެސް ވަނީ އިފްތިތާހްކޮށްފައެވެ. ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ގުރޫޕް "އޭ" ގައި ހިމެނެނީ، ބީ.އެލް.ޓީ އާއި ގްލޯރިއަސް ވިކްޓޮރީ އާއި ވިނާސްބޯއީސް އަދި އެފް.ސީ ރައިވަލްސްއެވެ. ގުރޫޕް "ބީ" ގައި ހިމެނެނީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އެފް.ސީ ވެންގާޑް އަދި ހޭޅި އެވެ.
މި މަހު 15 ގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ޓީމުތަކުން ދަނީ މުބާރާތައް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ކެންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ ބާ އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލްތަކުގެ ތެރެއިން ރަށު ކައުންސިލަކުން ބާއްވާ އެއްމެ އަގުބޮޑު އެއް މުބާރާތެވެ. އަދި މި މުބާރާތް ކުޅެވޭ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިން ކަމަށްޓަކައި އެ ކައުންސިލުން، އަދުގެ ސަރުކާރަށް ޝުކުރު އަދާކުރެއެވެ. މި މުބާރާތަށް މުޅި ކެންދޫ ތައްޔާރުވަމުންދާއިރު، ކެންދޫ ކައުންސިލުންވެސް ދަނީ މި މުބާރާތަށް ގިނަނުގަ ތައްޔާރީތައްވަމުންނެވެ. ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން އެއްތަންވެ މުޖްތަމައުގެ ގުޅުންތައް ބަދަހިވެ އިޖްތިމާއީރޫހު އާލާކުރުން އެއީ މި މުބާރާތުގެ މައިގަނޑު މަޤްސަދުކަމަށްވާއިރު މިފަހަރުގެ މި މުބާރާތް ވެގެންދާނީ ކެންދޫގެ ތާރީޚުގައި ލިޔެވިގެންދާނެ ހަނދާނީ މުބާރާތަކަށެވެ.

މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.
ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
