ކާޖަލް އަގަރްވާލްގެ ކައިވެނި އޮތީ މިދިޔަ ހަފްތާގައި މުމްބައި ގައި ހުންނަ ތާޖް ޕެލަސް ހޮޓެލްގައެވެ. ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫ އާއި ކައިވެނި ކޮށްގެން ބަތަލާ ކާޖަލް ރާއްޖެއައީ ހަނީމޫނަށެވެ. އަދި ހަނީމޫންގައި ވެސް މޮޑެލްކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދަނީ ހިއްސާކުރަމުންނެވެ. ގޯތަމް ނަގާފައިވާ ފޮޓޯތަކަށް ކާޖަލްގެ ފޭނުންގެ ތަރުޙީބު ދަނީ އޮހެމުންނެވެ.
ކާޖަލްގެ ކައިވެންޏަށްފަހު ހަނީމޫނަށް ފުރަމުން އޭނާވަނީ ކާޖަލް އަދި ގޯތަމްގެ ޕާސްޕޯޓްގެ ބޭރުގައި ގޯތަމްގެ އާއިލީ ނަން ޖަހައިގެން ހަދާފައިވާ ކަވަރުގެ ފޮޓޯއެއް ޙިއްސާ ކޮށްފައެވެ. ކޮންރެޑް މޯލްޑިވްސް ރަންގަލީގައި ހަނީމޫން ހޭދަކުރަމުންދާ ކާޖަލް، ފުރުމުގެ ކުރިން އިންޑިޔާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ބުނީ މި ބަލިމަޑުކަމުގައިވެސް ކައިވެނި ކުރަން ނިންމީ، އެދެމީހުން ވަރަށް ގިނަ ދުވަސް އެކުގައި ހޭދަކޮށްފައި ވުމުންކަމަށެވެ. އެގޮތުން ގޯތަމް އަދި ކާޖަލް ރަޙްމަތްތެރިންގެ ގޮތުގައި 7 އަހަރު އަދި ލޯބިވެރިންގެ ގޮތުގައި 3 އަހަރު ހޭދަކޮށްފައިވެއެވެ. ނަމަވެސް ލޮކްޑައުންގެ ތެރޭގައި ގިނަގިނައިން ބައްދަލުވެ ނޫޅެވޭތީ އަބަދު އެކީގައި އުޅުވޭނެ ގޮތެއް ފަހި ކުރުމަށް ކައިވެނި ކުރީ ކަމަށް ކާޖަލް ހާމަކުރިއެވެ.
ކާޖަލް އަދި ގޯތަމްގެ ގުޅުމާއި ބެހޭގޮތުން ކާޖަލް ބުނީ އެދެމީހުންގެ މެދުގައިވާ ކޮންމެ ގުޅުމެއްވެސް ވަގުތާއި އެކު ބަދަހި ވަމުން ދިޔަ ކަމަށާއި، އޭގެ އެންމެ މަތީ ހަރުފަތް ކަމަށްވާ ކައިވެންޏާއި ހަމައަށް މިގުޅުން ގެންދިޔައީ ދެމީހުނަށް ވެސް އެކަކު އަނެކަކަށް ވަރަށް ބޮޑު އިތުބާރަކައި ޔަގީންކަމެއް އޮތުމުން ކަމަށެވެ.
