ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދިޔަ "ހެއްޔާ މަކިޓާ" މުބާރާތުގެ އެއްވަނަ ހަސަން ޝާހިދު ހޯދައިފިއެވެ.

މި މުބާރާތަކީ މަކިޓާ ޕަވަރޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ މުބާރާތެކެވެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

މި މުބާރާތުގެ އެއްވަނަ ހޯދި ހަސަން ޝާހިދު ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. އޭނާއަށް ވަނީ 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު ދީފައެވެ. ދެވަނަ ހޯދީ އުނދޯއްޔެއް ތައްޔާރުކޮށްފައިވާ އަހުމަދު ހުސައިން މަނިކުއެވެ. އޭނާއަށް ވަނީ 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ދީފައެވެ. އަދި ތިންވަނަ ހޯދި މުހައްމަދު ރަޝީދު ތައްޔާރުކޮށްފައިވަނީ  ޑްރެސިން ޓޭބަލެކެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ  15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރއެކެވެ.

މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.