މުނާރަކީ ކެރެލާގެ ހުޅަނގައި އޮންނަ، ފަރުބަދަމަތީގެ ރީތި ސަރަހައްދެކެވެ. މުނާރުގައި އާންމުކޮށް ވާރޭ ވެހޭ މޫސުން، ޖޫން މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާއިރު، މިއީ ފެހިކަމާއި، ފިނިކަމާއި އަދި ތަފާތު އެކި ވޯޓަރ ފޯލްތަކުން އެތަނެއްގެ ރީތިކަން އިތުރުކޮށްދޭ ތަނެކެވެ. މިއީ ޗުއްޓީ ހޭދަކޮށްލަން ގޮސްލުމަށް ރަނގަޅު މަންޒިލެކެވެ.
މުނާރަށް ދިއުމަށް އެންމެ ކުރު މަގަކީ އިންޑިޔާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމެވެ. އެއަށްފަހު ޓެކްސީއެއް ނުވަތަ ބަހެއްގައި މުނާރަށް ދިއުމެވެ.
ސައިފަތް ދަނޑުތަކާ ސައިފަތުގެ ބަގީޗާތަކުން މުނާރު ވަނީ ފުރިފައެވެ. މި ސަރަހައްދުގެ ސައިފަތާއި އޭގެ ތާރީޚާއި އުފެއްދުންތައް ދައްކުވައިދޭ ޓާޓާ ޓީ މިއުޒިއަމެއް ވެސް ހުރެއެވެ. އަދި ސައިފަތް ދަނޑުތަކުގެ ތެރޭގައި ހިނގާލުމުގެ ފުރުސަތުވެސް ލިބެއެވެ. ފިނިކަމުގެ ތެރޭގައި ފަރުބަދަމަތީގެ އެ ހިތްގައިމު މަންޒިލްގެ ފެހިކަމުގެ ތެރޭގައި އުޅެލުމަކީ ވަރަށްވެސް ހަމަޖެހުން ލިބޭނޭ ކަމެކެވެ.
ހުޅަނގު ކެރެލާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މީސަޕުލިމަލާއަށް ވެސް ޒިޔާރަތް ކުރެވިދާނެއެވެ. އަދި ހިމާޔަތް ކުރެވިފައިވާ އެރާވިކުލަމް ނޭޝަނަލް ޕާކަށްވެސް ދެވިދާނެއެވެ. އެއަށްފަހު ކައިރީގައި ހުންނަ އައްޓޫކާޑް ވޯޓަރ ފޯލްސް ނުވަތަ ލައްކަމް ވޯޓަރ ފޯލްސް އަށް ޒިޔާރަތްކޮށްލާ އެ މާހައުލުތަކުގެ ޤުދުރަތީ ރީތިކަން ދެކިލުމުގެ ފުރުސަތަކީވެސް މޫނާރުގައި އޮތް ފުރުސަތުތަކެވެ.
މުނާރަކީ ހަވާދު ހެދުމަށް ބޭނުންވާ ގިނަ ރަހަތަށް އެކުލެވޭ ގަސްތައް އިންދާ ހެއްދުމުގައި މަޝްހޫރު ތަނެކެވެ. އެގޮތުން އެފަދަ "ސްޕައިސް ގާޑަންތަކަށް" ވެސް ޒިޔާރަތް ކުރެވިދާނެއެވެ. މިފަދަ ދަނޑުތަކުގެ ތެރޭގައި އިނގުރާއި، މިރުހާއި، ފޮނިތޮށި ފަދަ އެކިއެކި ރަހަތައް އިންދުމާއި ބޭނުންކުރުމާ ބެހޭ ގޮތުން މައުލޫމާތު ހޯދާ ދަސްކުރުމުގެ ފުރުސަތުވެސް އެ ސަރަހައްދުގައި އޮވެއެވެ. އަދި ހުޅަނގު އިންޑިޔާގެ ރަހަތައް ތަޖުރިބާ ކުރުމުގެ ފުރުސަތަކީވެސް މުނާރަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން ހޯދާ ފުރުސަތެކެވެ.
ޖުމްލަކޮށް ބަލާއިރު މުނާރަކީ ކުޑަ ބަޖެޓެއްގެ ޗުއްޓީއެއްގައި ހުޅަނގު އިންޑިޔާގެ ރީތިކަން ތަޖުރިބާ ކުރަން ބޭނުންވާ، އަދި ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުންނަށް ވަރަށްވެސް ކަމުދާނެ މަންޒިލެކެވެ.
