މިހާރު ކުރިއަށްދާ ސީއޭއެމްގެ 1 ވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އޯޕަން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ކުޅޭ ޕެއާތައް ކަށަވަރުވެއްޖެއެވެ.

މި މަހުގެ 11 އިން 16 އަށް މާލޭގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އޯޕަން ސިންގަލްސް އަދި ޑަބަލްސް އިވެންޓް ކުޅުމަށް ހަމަޖެހިފައިވެއެވެ. 40 އަހަރުން މަތީ މީހުންނަށް ހާއްސަކޮށްގެން ސީއޭއެމް އިން މި އަހަރު މުޅިން އަލަށް ފަށާފައިވާ މި މުބާރާތުގައި ހުރިހާ އިވެންޓެއް ހިމެނޭ ގޮތަށް ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތަކަށްފަހު ފައިނަލުން ޖާގަ ހޯދީ ނާޒިމް ހަސަން އާއި އިސްމާއިލް ސުޖާއުގެ ޕެއާގެ އިތުރުން އާދަމް ސަލީމް އާއި އަބްދުﷲ އިސްމާއިލްގެ ޕެއާ އެވެ.

ނާޒިމް އާއި ސުޖާއުގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީގައި ސީދާ ދެ ގޭމުން އިބްރާހިމް މުހައްމަދު އާއި އަފީފުއްނިސާގެ ޕެއާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނާޒިމް އާއި ސުޖާއުގެ ޕެއާ ގެންދިޔައީ 25-1، 25-4 އިންނެވެ. މުބާރާތުގެ އޯޕަން ޑަބަލްސް އިވެންޓްގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރި އާދަމް ސަލީމް (ކުނޑި) އާއި އަބްދުﷲ އިސްމާއިލްގެ ޕެއާ ވަނީ ސެމީގައި އިބްރާހިމް ލިފާއު އާމިރު އާއި ޙަސަން ލަތީފްގެ ޕެއާ އަތުން ފަހަތުންއަރައި 2-1 އިން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ލިފާއު އާއި ލަތީފްގެ ޕެއާ 21-20 އިން ގެންގޮސްފައިވަނިކޮށް، އާދަމް އާއި އަބްދުﷲގެ ޕެއާ އިން ދެން ޖެހިގެންއައި ދެ ސެޓު ކާމިޔާބުކުރީ 25-10 އަދި 25-16 އިންނެވެ.

މި ފަހަރުގެ މުބާރާތުގެ އޯޕަން ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވާ ހުކުރު ދުވަހު އެވެ. މި މުބާރާތުގައި މިރޭ ކުރިއަށްދާނީ އޯޕަން ސިންގަލްސް މެޗުތަކެވެ.