ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރޯޑްޝޯވ އެއް ބާއްވަން ނިންމައިފިއެވެ.
މިއީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޗައިނާ ޓޫރިޒަމް އެސޯސިއޭޝަން (އެމްވީސީޓީއޭ) އިން ބާއްވާ ރޯޑްޝޯވއެކެވެ.
އެމްވީސީޓީއޭ އިން މިފަދަ ރޯޑްޝޯއެއް ޗައިނާގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި ރޯޑްޝޯވ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން 21 އަށް ޝަންގހާއީ، ޝެންޒެން، ޗެންގްޑޫ އަދި ބެއިޖިންގ ގައެވެ.
އެމްވީސީޓީއޭ އިން ބުނީ މިއީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން ފޯރުކޮށްދޭ މުހިންމު ކަންތައްތަކާއި ފަތުރުވެރިން ޝައުގުވެރިވާ އެތައް ކަމެއް ދައްކާލުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. ޗައިނާގެ ފަތުރުވެރިންނަށް މި ޓްރޮޕިކަލް ސުވަރުގޭގެ ހިތްގައިމުކަން ދެނެގަތުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް.” އެމްވީސީޓީއޭ އިން ބުންޏެވެ.
ކޮވިޑުގެ ކުރިން ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓްނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އިން އައުޓްބައުންޑް ދަތުރުތައް އަލުން ފެށުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޗައިނާ މާކެޓް މި ވަގުތު އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިކަން އަންނަ 10 ގައުމުގެ ލިސްޓުގެ ހަވަނައިގަ އެވެ. އެގޮތުން މި ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 48،668 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްވީސީޓީއޭއަކީ ރާއްޖެއަކީ ޗައިނާގެ ރައްޔިތުންނަށް މަންޒިލެއްގެ ގޮތުގައި އޮތް އޮތުން އިތުރަށް ފުޅާކޮށް ތަރްއްގީކުރުމުގެ އިތުރުން ޗައިނާ އާއި ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ އަމާޒުގައި މި އަހަރު ރާއްޖޭގައި އުފައްދައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ.
އެމްވީސީޓީއޭގެ މަސައްކަތްތަކުގެ ތެރޭގައި ސަރަހައްދީ ޓްރެވަލް އެގްޒިބިޝަންތަކާއި ރޯޑްޝޯތަކުގައި ބައިވެރިވުމާއި އިޝްތިހާރު ކުރުމާއި ޕްރޮމޯޝަންތަކާއި ޓްރެވަލް ޓްރޭޑާއި މީޑިއާއަށް ފެމިލިއަލައިޒޭޝަން ޓްރިޕްތައް އިންތިޒާމު ކުރުމާއި ޗައިނާ ސަރުކާރުގެ ޓޫރިޒަމް އިދާރާތަކާއި ޓްރެވަލް އެޖެންސީތަކާއި އެސޯސިއޭޝަންތަކާ ގުޅުން ބަދަހިކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ތަފާތު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަސައްވުރު އިތުރުކުރުންވެސް ހިމެނެ އެވެ.
