ދިރާގާއި މޯލްޑިވްސް ފުޑް ކަނިވަލް ގުޅިގެން ފޯރިގަދަ ކާނިވަލް ހަފްތާއަކަށް ތައްޔާރީތައްވާން ފަށައިފިއެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމްކޮސް ބާއްވާ މި ކުލަގަދަ އިވެންޓްގެ މެއިން ސްޕޮންސަރގެ ގޮތުގައި ދިރާގު ވަނީ ސޮއިކޮށްފައެވެ. 

މޯލްޑިވްސް ފުޑް ކަރނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާއެކު ބާއްވާ  5 ދުވަހުގެ ކަރނިވަލެކެވެ.

މި ކަރނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައި 20 ން 24 ޖޫންގެ ނިޔަލަށެވެ.

ކަރނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ތަފާތު ދިވެހި ފަންނާނުނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނެއެވެ. މީގެ އިތުރުން ގިނަ ކާބޯތަކެތި ވިއްކާ ފަރާތްތައްވެސް އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާ ވިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަރނިވަލް ތެރޭގައި އަރޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑް އަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެއެވެ. 

ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ މޯލްޑިވްސް ފުޑް ކަރނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށް، މި ކުލަގަދަ އިވެންޓް އާންމުނާއި ހަމައަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތި ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުންވެސް ލިބިވަޑައިގަންނަވާނެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް 20 ން 24 ޖޫންގައި ހުޅުމާލެ ސެންޓްރަލް ޕާރކަށް ޒިޔާރަތްކޮށްލައްވާ،" ނާޔާ ވިދާޅުވިއެވެ. 

ތިންކް އެސޯސިއޭޓްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަދީލް އިސްމާއިލް ވިދާޅުވީ ކުރިން ނުފެންނަ ފަދަ ތަފާތު ކާބޯތަކެތީގެ ތަޖުރިބާތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއިއެކު އެކި ޗެފުންނާއި ވިޔަފާރިތަކާއި ދިވެހި ފަންނާނުންނާއި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން" އަދީލް އިސްމާއިލް ވިދާޅުވިއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށެވެ.