މިއަދު މާލޭގައި ފެށި ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 55-61 އިން ބޫޓާން މޮޅުވެއްޖެއެވެ.
މި މަހުގެ 22 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ނޭޕާލް އާއި ބޫޓާންގެ އިތުރުން ދެން ވާދަކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އަދި ދިވެހިރާއްޖެ އެވެ.
ފޯރިގަދަކޮށް ފެށި މި މެޗުގެ ފުރަތަމަ ކުއާޓާގެ ފުރަތަމަ ހަ ޕޮއިންޓް، ބޫޓާނުން އެއްކޮށްފައިވަނިކޮށް ފަސް މިނެޓުގެ ކުޅުން ނިމުނުއިރު 6-6 އިން އޮތީ އެއްވަރުވެފައެވެ. އެއަށްފަހު، ނޭޕާލްގެ ސަދިޝްގެ ފަރާތުން ފެނިގެންދިޔަ ތިން ޕޮއިންޓާއެކު އެ ޓީމުން 9-6 އިން ލީޑްނެގިއެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ތިން ޕޮއިންޓެވެ. އަދި މުޅި މެޗުގައި ވެސް ނޭޕާލަށް ލީޑްގައި ހިފަހައްޓާލެވުނީ މިވަގުތު ކޮޅުގައި އެކަންޏެވެ. އޭގެފަހުން، ބޫޓާނުން ވަނީ ފުލުފުލުގައި މުހިއްމު ޕޮއިންޓްތަކެއް އެއްކޮށް، 21-13 ގައި އޮވެ، ފުރަތަމަ ކުއާޓާ ނިންމާލައިފައެވެ.
ފުރަތަމަ ކުއާޓާއާ ހިލާފަށް ދެވަނަ ކުއާޓާގައި ނޭޕާލުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އޭގެނަތީޖާއެއްގެ ގޮތުން އެ ޓީމުން މި ކުއާޓާގައި ވަނީ 16 ޕޮއިންޓް އެއްކޮށްފައެވެ. ބޫޓާނަށް އެއްކުރެވުނީ 15 ޕޮއިންޓެވެ. އަދި މި ކުއާޓާ ނިމުނުއިރު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ.
އޭގެފަހުން، ދެން ކުޅެވުނު ތިންވަނަ ކުއާޓާގެ މެދުތެރޭގައި ބޫޓާންގެ ކުޅުންތެރިން ފުލުފުލުގައި އެއްކުރި ޕޮއިންޓްތަކާއެކު އެ ޓީމުން 12 ޕޮއިންޓްގެ ލީޑެއްނެގިއެވެ. އޭރުގެ ނަތީޖާ 46-34 ގައި އޮއްވަ، ނޭޕާލްގެ އަޔޫޝް އާއި މާޖޭގެ ފަރާތުން ފުލުފުލުގައި ފެނިގެންދިޔަ ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ތިންވަނަ ކުއާޓާ ނިންމާލއިރު ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ.
ހަތަރުވަނަ ކުއާޓާ ފެށިގެން ބޫޓާންގެ ކުޅުންތެރިން އެއްކުރި ޕޮއިންޓްތަކާއެކު އެ ޓީމުން ލީޑްކުރަމުންދަނީ 54-44 އިންނެވެ. އޭރު ދެ ޓީމުގެ ދެމެދުގައި 10 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް، ނޭޕާލްގެ ސަދިޝްގެ ފަރާތުން ފެނިގެންދިޔަ ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ. އޭގެފަހުން، ބޫޓާންގެ ދޯރްޖީގެ ފަރާތުން ފެނިގެންދިޔަ ތިން ޕޮއިންޓާއެކު އެ ޓީމުން 57-47 އިން ލީޑްގައި އޮއްވަ، ނިޝާލް ވައްޓާލި ދެ ޕޮއިންޓާއި، ސަދިޝްގެ ފަރާތުން މި މެޗުގައި ފެނިގެންދިޔަ ހަތަރުވަނަ ތިން ޕޮއިންޓާއެކު ނޭޕާލުން އަނެއްކާވެސް ފަރަގުކުޑަކުރިއެވެ.
މި ކުއާޓާގެ ފަހު ބައިގައި ނަތީޖާ 57-52 ގައި އޮއްވަ، ނޭޕާލުން މެޗުގެ ނަތީޖާ އަނބުރާލުމަށް ކުރި މަސައްކަތްތައް ބޫޓާނުން ވަނީ ހުއްޓުވައި، މުހިއްމު ޕޮއިންޓްތަކެއް އެއްކުރުމަށްފަހު 61-52 އިން ލީޑްނަގައިފައެވެ. މި ނަތީޖާގައި އޮވެ، ނިމެންދަނިކޮށް ނޭޕާލްގެ ބުރްޖާ ވަނީ ތިން ޕޮއިންޓެއް ވައްޓާލައި، ސްކޯ 61-55 އަށް ބަދަލުކޮށްލާފައެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 8:30 ގައެވެ.
