މޫލީ އާއި ދިވެހި އުފެއްދުންތަކަށް ޚާއްސަ ލުއިކާނާއާ ދެމެދު ޕާޓްނަރޝިޕެއް ހަދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީ އާއި އެކު ހެދި މި ޕާޓްނަރޝިޕްގެ ދަށުން ދިވެހި ރަހަތަކުގެ ދިވެހި އުފެއްދުންތައް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިންގެ މެދުގައި ރާއްޖޭގައި މިހާރު ދިވެހި ލުއިކާނާގެ ބާވަތްތައް މަގުބޫލުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އުރީދޫގެ ފަރާތުން މި ވެވުނު އެއްބަސްވުމުގެ ސަބަބުން ލުއިކާނާ ބޭނުންވާ ނުވަތަ ލުއިކާނާ ކާން ބޭނުންވާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުން ލިބިގެންދާނެއެވެ.
އުރީދޫ އިން ބުނީ އެ ކުންފުނީގެ މޫލީގެ މަގުސަދަކީ ދިވެހިންގެ މެދުގައި އިތުރުވަމުން އަންނަ ޑިމާންޑަށް މިފަދަ ކެއުމުގެ ބާވަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ލުއިކާނާއިން ލިބެން ހުންނަ ގިނަ އަދަދެއްގެ ކާނާ މިހާރު މޫލީ މެދުވެރިކޮށް ލިބެން ހުންނައިރު، މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޚާއްސަ ކެއުންތައް ވެސް ހިމެނެއެވެ.
އޭގެތެރޭގައި އައްޑޫ ބޮނޑި، ތެލުލި ބަނބުކެޔޮ، މުރުމުރު، އުޅާލި، ތުނިޔަ، އަތުޖެހި، ކުދި ކާޖާ، ފޮނިމާ، ފަދަ މީރު ލުއިކާނާ ހިމެނެއެވެ.
މޫލީ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީގެ ޚިދުމަތް ލިބޭނެއެވެ.
