އާންމު ޕާޓީތަކާއި އެކި ހަފްލާތަކަށް ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާލާފައިވާ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އުފަންދުވަހުގެ ޕާޓީތަކާއި އެކި ކަހަލަ އާއިލީ އެއްވުންތަކަށް ވެސް އެރަށް ބުކް ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިވެންޓްތައް ބޭއްވުމަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
އިވެންޓަށް ބޭނުންވާ ހުރިހާ ބޮޑެތި ޚިދުމަތްތަކެއް ކުޑަގިރި ޓީމުން ފޯރުކޮށްދޭނެ ކަމަށާއި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް، އެކަމަށް ބޭނުންވާ ޓްރާސްޕޯޓް ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ވެސް އެ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން sales@kudagiri.mv އަށް މެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އާބަންކޯ އިން ބުނީ ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުން ކަމަށާއި މިހާރުވެސް ހަފްތާ ބަންދުތަކުގައި އާއިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ކުޑަގިރީގެ ޓެންޓުތަކާއި އަށިތައް ފުރާލުމުގެ އިތުރުން ރޭގަނޑު ގަޑީގެ ބާބަކިއުތަކާއި ބީޗް ޑިނަރތަކަށް ދާ މީހުންވެސް އިތުރުވަމުން އަންނަކަމަށެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.
އަށީގެ އަގުތަކަށް ބަލާއިރު ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެއެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1200 ރުފިޔާއެވެ.
މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.
