މިއަދު މާލޭގައި ފެށި ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 42-52 އިން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
މި މަހުގެ 22 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ނޭޕާލް އާއި ބޫޓާންގެ އިތުރުން ދެން ވާދަކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އަދި ދިވެހިރާއްޖެ އެވެ.
ފުރަތަމަ ކުއާޓާ ފެށިގެން ކުރީކޮޅު 8-6 އިން ކުރީގައި އޮއްވަ، ރާއްޖޭގެ އަބްދުﷲ އަމްޒަރު މުޙައްމަދު ސްކޯކުރި ދެ ޕޮއިންޓާއެކު 10-6 އަށް ބަދަލުކޮށްލިއެވެ. ނަމަވެސް، މި ކުއާޓާގެ ކުޅުމުގެ ބާކީ 2:09 އޮއްވާ، ބަންގްލަދޭޝް 10-10 އިން އެއްވަރުކުރިއެވެ. އަދި އޭގެފަހުން، އެމްޑީ ސޮލައިމާން ޓަނޫ ކާމިޔާބުކުރި ފްރީތްރޯއާއެކު ބަންގްލަދޭޝް އިން 11-10 އަށް ނަތީޖާ ބަދަލުކޮށްލައި، ލީޑްނެގިއެވެ. މި ކުއާޓާގައި އަނެއްކާވެސް ރާއްޖޭގެ އަހުމަދު ފިރާޝް އެއްކުރި ދެ ޕޮއިންޓާއެކު އަލުން ލީޑްނެގިއެވެ. ނަމަވެސް، އޭގެފަހުން ރާއްޖޭގެ ލީޑް ދެމެހެއްޓޭގޮތްނުވެ، ފުރަތަމަ ކުއާޓާ ނިންމާލިއިރު ބަންގްލަދޭޝް ކުރީގައި އޮތީ 13-12 އިންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާއާ ހިލާފަށް ދެވަނަ ކުއާޓާ ފަށައިގެން ކުރީކޮޅު ބަންގްލަދޭޝް އިން ފުލުފުލުގައި މިތުން ކުމާރު ބިސްވާސް އާއި ސޯޖިބް ކުމާރު ދާސް އެއްކުރި ޕޮއިންޓްތަކާއެކު ހަތް ޕޮއިންޓްގެ ލީޑެއްނެގިއެވެ. އޭގެފަހުން، އަމްޒަރު އެއްކުރި ދެ ޕޮއިންޓާއެކު 19-14 އަށް ސްކޯ ބަދަލުކޮށްލިއެވެ. އަދި އޭގެފަހުން، ރާއްޖޭގެ މުޙައްމަދު ޙުވައިލިދު އަލީ އަށް ފްރީތްރޯ ޕޮއިންޓް އެއްކުރަން ލިބުނު ފުރުޞަތުގެ ބޭނުންނުހިފުނުއިރު ތިން ޕޮއިންޓް އެއްކުރަން ލިބުނު ފުރުޞަތު ވެސް ނަގާލުމުން ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ މި ކުއާޓާގެ ބާކީ 4:42 އޮއްވާ، ނަތީޖާ 23-14 އަށް ބަދަލުކޮށްލާފައެވެ. ނަމަވެސް، އޭގެފަހުން ޙުވައިލިދު އާއި އިބްރާހިމް ނަސީމް ކާމިޔާބުކުރި ފްރީތްރޯ ތަކާއެކު ރާއްޖޭން ފަރަގު ހަ ޕޮއިންޓަށް ކުޑަކުރިއެވެ. އަދި އޭގެފަހުން، އަމްޒަރު އެއްކުރި ތިން ޕޮއިންޓާއެކު ސްކޯ އޮތީ 23-20 ގައެވެ.
ދެވަނަ ކުއާޓާގައި އަނެއްކާވެސް ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރުމަށް ރާއްޖެ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ފިރާޝް އަށް ފައުލްކުރުމުން ލިބުނު ދެ ފްރީތްރޯ ވެސް ކާމިޔާބުނުކުރެވުނެވެ. ނަމަވެސް، ރާއްޖޭގެ މުޙައްމަދު ސަބީހު ތައުފީޤު އަށް ބަންގްލަދޭޝްގެ ކުޅުންތެރިއަކު ފައުލްކުރުމުން ދެން ލިބުނު ދެ ފްރީތްރޯގެ ތެރެއިން އެއް ޕޮއިންޓް ކާމިޔާބުކޮށް، މި ކުއާޓާ ނިންމާލީ 23-21 އިން ފަހަތުގައި އޮވެގެންނެވެ.
ތިންވަނަ ކުއާޓާ ފެށިއިރު ބަންގްލަދޭޝްގެ މިތުންއާއި ރާއްޖޭގެ އަމްޒަރު އެއްކުރި ޕޮއިންޓްތަކާއެކު ނަތީޖާ އޮތީ 25-23 ގައެވެ. އޭގެފަހުން ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ފްރީތްރޯގައި ކާމިޔާބުކުރަން ލިބުނު ހަތަރު ޕޮއިންޓްގެ ތެރެއިން ތިން ޕޮއިންޓް އެއްކޮށް، ނަތީޖާ 28-23 އަށް ބަދަލުކޮށްލިއެވެ. އަދި އޭގެފަހުން، ދެން ފެނިގެންދިޔައީ ޙުވައިލިދު އަށް ލިބުނު ދެ ފްރީތްރޯގެ ތެރެއިން އެއް ފްރީތްރޯ ނާކާމިޔާބުވި ތަނެވެ. މިއާއެކު، ބަންގްލަދޭޝް އަށް ދެން ލިބުނު ފުރުޞަތުގައި މިތުން ދެ ޕޮއިންޓް އެއްކުރިއިރު ރާއްޖޭގެ ނަސީމް ވެސް ދެ ޕޮއިންޓް ކާމިޔާބުކުރިއެވެ. އޭރު ސްކޯ 30-26 ގައި އޮއްވާ، ބަންގްލަދޭޝްގެ މަމުނޫރުއް ރަހުމާން (ބައްޕީ) އަށް ކާމިޔާބުކުރަން ލިބުނު ދް ފްރީތްރޯގެ ތެރެއިން ކާމިޔާބުވީ އެންމެ ފްރީތްރޯ އެކެވެ. އޭގެ ފައިދާނަގައި، ނަސީމް ވަނީ ތިން ޕޮއިންޓް ސްކޯކޮށް، ނަތީޖާ 31-29 އަށް ބަދަލުކޮށްލާފައެވެ.
އޭގެފަހުން، ތިންވަނަ ކުއާޓާގައި ރާއްޖޭން ދެން އެއްކުރި ފަސް ޕޮއިންޓްގެ ތެރެއިން، ހަތަރު ޕޮއިންޓް ކާމިޔާބުކުރީ ފަހު ދެ ކުއާޓާގައި މޮޅު ކުޅުމެއްދެއްކި ޙުވައިލިދު އެވެ. ނަމަވެސް، މި ކުއާޓާގެ ފަހު ބައިގައި ބަންގްލަދޭޝްގެ މިތުން ކާމިޔާބުކުރި ތިން ޕޮއިންޓްގެ ދެ ބާސްކެޓާއި، ފްރީތްރޯގެ ގޮތުގައި އެ ޓީމުގެ ވަމިތު ހަސަން އާލިމް އާއި ސޯޖިބް ކާމިޔާބުކުރި ޕޮއިންޓްތަކާއެކު ލީޑް ފުޅާކުރިއެވެ. މި ކުއާޓާ ނިމެންދަނިކޮށް ރާއްޖެ އަށް ލިބުނު ފްރީތްރޯ ތަކުގައި އަނެއްކާވެސް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުހިފި ނިންމާލީ 43-34 އިން ފަހަތުގައި އޮވެގެންނެވެ.
ދެން ޖެހިގެންއައި ފަހު ކުއާޓާ ފެށީ ބަންގްލަދޭޝްގެ ބައްޕީ އާއި ރާއްޖޭގެ ޙުވައިލިދު އެއްކުރި ތިން ޕޮއިންޓާއެކު އެވެ. އެންމެ ސްކޯރިން ދަށްކޮށް ފެނިގެންދިޔަ މި ކުއާޓާގައި 48-37 އިން ބަންގްލަދޭޝް ކުރީގަ އޮއްވަ، ރާއްޖޭގެ އަމްޒަރު އަށް ފްރީތްރޯގައި ކާމިޔާބުކުރަން ލިބުނު ދެ ޕޮއިންޓް އެއްކުރިއިރު މުޅި މެޗުގައި އެންމެ ބޮޑަށް ފާހަގަވި އިސްމާއިލް ވިލްދާން ޔޫސުފް ކާމިޔާބުކުރި ތިން ޕޮއިންޓްގެ ބާސްކެޓާއެކު ރާއްޖޭން ވަނީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް އެ ދަނޑިވަޅުގައި އިންޑޯގައި ހަރުކޮށްފައި ހުރި ލައިޓްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުން މެދުކަނޑާލަންޖެހި، އަލުން ފެށިއިރު ރާއްޖޭގެ ކުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި އޭގެފަހުން، ރާއްޖޭން ސްކޯކުރަން މަސައްކަތްކުރި ތިން ޕޮއިންޓްގެ ބާސްކެޓްތައް ކާމިޔާބުނުކުރެވި މެޗު ނިންމާލަންޖެހުނީ 52-42 އިން ފަހަތުގައި އޮވެގެންނެވެ.
މި މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ބަންގްލަދޭޝް އިން ޕާކިސްތާނާ ދެކޮޅަށް ނިކުންނަިއިރު މާދަމާ ރޭ 8:30 ގައި ރާއްޖެ ބައްދަލުކުރާނީ ބޫޓާނާ އެވެ.
