އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭން ތަންފީޒުކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި 2023 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ޤައުމަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން ފަށާ މި މަސައްކަތުގައި ހުރިހާ ރައްޔިތުން ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
ސަރުކާރުން މިފަދަ ޕްލާސްޓިކާ ދެކޮޅަށް މީގެ ކުރިންވެސް ވަނީ ތަފާތު ކެމްޕޭންތައް ފަށާފައެވެ. އޭގެތެރޭގައި ސްކޫލްތަކަށް ވެއްދުން މަނާ ތަކެތީގެ ތެރޭގައި އެއްފަހަރު ބޭނުންކުރެވޭ ފެންފުޅިއާއި ޕްލާސްޓިކް ކޮތަޅު ހިމެނޭ ތަކެތި ސްކޫލްތަކަށް ވެއްދުމަކީ މަނާކަމެއްކަން އަންގައިދޭ ބޯޑުތައް ކޮންމެ ސްކޫލެއްގައިވެސް ބަހައްޓާފައި ހުރެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ، އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ހުރިހާ ތަނެއްގައި މިގޮތަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.
ސަރުކާރުގެ ބައެއް އެހެން އޮފީސްތަކުންވެސް މިގޮތަށް ޢަމަލު ކުރަން ވަނީ ފަށާފައެވެ. އެހެންކަމުން މިހާރު ބައެއް އޮފީސްތަކުގައި ހުންނަނީ ފެން ކޫލަރު ބަހައްޓައި ބިއްލޫރި ފުޅި ބޭނުންކުރުން އާދައަކަށް ހަދާފައެވެ. ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތި ކޮތަޅު ބޭނުންކުރަން ހިތްވަރުދީ ބައެއް ކެމްޕޭނުތައްވެސް ހިންގާތީ ފެނެއެވެ.
އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ބަންދުކޮށްފައިހުންނަ ޕްލާސްޓިކް ފުޅި ރައްޔިތުންގެ މަޖިލީހުގައިވެސް ބޭނުން ނުކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބިއްލޫރި ފުޅީގައި ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވެސް ޕްލާސްޓިކް ފުޅި ބޭނުންކުރުން މިހާރުވަނީ ހުއްޓަވާލައްވައިފައެވެ.
ޕްލާސްޓިކަކީ ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރުވާ އެއްޗެއް ކަމަށްވާތީ، އެއީ މާ އިހުއްސުރެވެސް ހުއްޓާލަން ޖެހިފައިވާ ކަމެކެވެ. އެހެންކަމުން މިތަކެތި ބޭނުންކުރުން ހުއްޓާލާ ތިމާވެށި ރައްކާތެރިކުރެވޭނީ ސަރުކާރަށް ރައްޔިތުން އެއްބާރުލުންދީ ފަރުދީ ޒިންމާ އަދާކޮށްގެނެވެ.