މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ނޭޕާލުން ފަހަތުންއަރައި ޕާކިސްތާން އަތުން މުހިއްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ނޭޕާލް މޮޅުވީ 66-62 އިންނެވެ.
މިއީ މި މުބާރާތުގައި ނޭޕާލް ކުޅުނު ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ވަނީ ބަލިވެފައެވެ.
މި މަހުގެ 22 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ނޭޕާލް އާއި ބޫޓާންގެ އިތުރުން ދެން ވާދަކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އަދި ދިވެހިރާއްޖެ އެވެ.
މި މެޗު ފެށިގެން ޕާކިސްތާނުން ލީޑްނެގިއިރު އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު، 15-11 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ކުއާޓާގައި ނޭޕާލުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން، މި ކުއާޓާގައި ނޭޕާލުން ވަނީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް، މި ކުއާޓާގައި ވެސް ޕާކިސްތާނުން ވަނީ 18-17 އިން ކުރިހޯދާފައެވެ.
ފުރަތަމަ ދެ ކުއާޓާއާ ހިލާފަށް ތިންވަނަ ކުއާޓާގައި ނޭޕާލުން ވަނީ ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން މި ކުއާޓާ ނިންމާލީ 21-12 އިން ކުރީގަ އޮވެގެންނެވެ. މިއާއެކު، އެ ޓީމުން ވަނީ ތިން ކުއާޓާ އަށް ފަހު ދެ ޓީމުގެ ފަރަގު ހަތަރު ޕޮއިންޓަށް އިތުރުކޮށް، 49-45 އިން ކުރިހޯދާފައެވެ.
ފަހު ކުއާޓާގައި ދެ ޓީމު ވަރަށް އެއްވަރުކޮށްދިޔައިރު ނިންމާލީ 17-17 އިން އެއްވަރުވެގެންނެވެ. މިއާއެކު، ނޭޕާލުން މެޗު ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު، 66-62 އިންނެވެ.
