މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ކުޅުނު ދެވަނަ މެޗުގައި މިރޭ ބޫޓާން އަތުން ވެސް ރާއްޖެ ބަލިވެއްޖެއެވެ. މި މެޗުން ބޫޓާން މޮޅުވީ 60-50 އިންނެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ ވެސް 10 ޕޮއިންޓްގެ ފަރަގަކާއެކު، 52-42 އިންނެވެ.
މި މަހުގެ 22 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ނޭޕާލް އާއި ބޫޓާންގެ އިތުރުން ދެން ވާދަކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އަދި ދިވެހިރާއްޖެ އެވެ.
މިރޭގެ މެޗު ފަށައިގެން ކުރީކޮޅު ރާއްޖެ އަށް ސްކޯ ނުކުރެވި، ބޫޓާނުން ވަނީ ލީޑްނަގައިފައެވެ. އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 8 ޕޮއިންޓްގެ ލީޑަކާއެކު، 15-7 އިން ކުރީގަ އޮވެގެންނެވެ.
ފުރަތަމަ ކުއާޓާ އެކޭ އެއްގޮތަށް ދެވަނަ ކުއާޓާގައި ވެސް ބޫޓާނުން ވަނީ ތަފާތު ދައްކައި، ދެ ޓީމުގެ ދެމެދުގައި އޮންނަ ފަރަގު އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ބޫޓާނުން ދެވަނަ ކުއާޓާ ނިންމާލީ ވެސް 36-17 އިން ކުރިހޯދައިގެން، 19 ޕޮއިންޓްގެ ފަރަގަކުން ކުރީގަ އޮވެގެންނެވެ.
މުޅި މެޗުގައި ފެނިގެންދިޔަ އެންމެ ދަށް ސްކޯތަކާއެކު ބޫޓާނުން ތިންވަނަ ކުއާޓާގައި އެއްކުރި 11 ޕޮއިންޓާއެކު ނިންމާލީ، 47-29 އިން ކުރީގަ އޮވެގެންނެވެ.
މި މެޗުގެ ފުރަތަމަ ތިން ކުއާޓާއާ ހިލާފަށް، ފަހު ކުއާޓާ ފެށިގެން ރާއްޖެ ފެނުނީ ވަރުގަދަކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ކުއާޓާގައި އެންމެ ފުރަތަމަ ފެނިގެންދިޔަ ދެ ބާސްކެޓް ވެސް ފެނުނީ ރާއްޖޭގެ ފަރާތުންނެވެ. ހަތަރުވަނަ ކުއާޓާ ފެށިގެން ކުރީކޮޅު އަބްދުﷲ އަމްޒަރު މުޙައްމަދު އާއި މުޙައްމަދު ޙުވައިލިދު އަލީ (ހުވޭ) އެއްކުރި ޕޮއިންޓްތަކާއެކު 49-33 އަށް ނަތީޖާ ބަދަލުކޮށްލިއެވެ.
ރާއްޖެ އިން އެންމެ ރަނގަޅަށް ކުޅުނު ހަތަރުވަނަ ކުއާޓާގައި އެތެރެއަށް ވަދެގެން ގިނަ ޕޮއިންޓްތަކެއް އެއްކޮށްފައިވާއިރު ތްރީ ޕޮއިންޓްތަކެއް ވެސް އެއްކުރިއެވެ. އެގޮތުން، މި ކުއާޓާގެ ކުޅުމުގައި 5:21 ބާކީ އޮއްވަ، ބޫޓާނުން ފުލުފުލުގައި އެއްކުރަމުންދިޔަ ޕޮއިންޓްތަކާއެކު ވަނީ 20 ޕޮއިންޓްގެ ލީޑެއްނަގާފައެވެ. އޭގެފަހުން، ރާއްޖޭގެ ރާއިދު، ހުވޭ އާއި ޒަބީ ކާމިޔާބުކުރި ބާސްކެޓްތަކާއެކު ބާކީ 1:59 އޮތްއިރު، އޭރުގެ ސްކޯއަކީ 58-42 އެވެ.
އަދި އޭގެފަހުން، މެޗުގެ ފަހު ކުއާޓާ ނިމެން މިނެޓަކަށްވެފައިވަނިކޮށް ހުވޭ ކާމިޔާބުކުރި ތިން ޕޮއިންޓާއެކު މި މެޗުގައި ފުރަތަމަ ފަހަރަށް 11 ޕޮއިންޓްގެ ފަރަގަކަށް ހެދިއެވެ. ނަމަވެސް، އޭގެފަހުން، ބޫޓާންގެ ކުޅުންތެރިއަކު ކާމިޔާބުކުރި ދެ ފްރީތްރޯއާއެކު އަނެއްކާވެސް ފަރަގު އިތުރަށް ފުޅާކުރިއެވެ.
ހަތަރުވަނަ ކުއާޓާ ނިމެން 34 ވަރަކަށް ސިކުންތަށް ވެފައިވަނިކޮށް 60-47 އިން ބޫޓާނުން ލީޑްކުރަމުންދަނކޮށް، ރާއްޖޭގެ ކެޕްޓަން އަހުމަދު ޒަބީރު ކާމިޔާބުކުރި ތިން ޕޮއިންޓާއެކު އަނެއްކާވެސް ފަރަގު ކުޑަކުރިއެވެ. އޭގެފަހުން، އަނެއްކާވެސް ބޫޓާނަށް ލީޑް އިތުރަށް ފުޅާކޮށްދޭން ލިބުނު ފުރުޞަތުގައި ފޮނުވާލަން ލިބުނު ދެ ފްރީތްރޯ ވެސް ކާމިޔާބުނުކުރެވި، މެޗު ނިންމާލަންޖެހުނީ 60-50 އިންނެވެ. މި މެޗުގައި ބޫޓާނުން އެންމެ ރަނގަޅަށް ކުޅުނު ޕުބް ޔެލްޝެން ވަނީ 10 ޕޮއިންޓާއެކު 21 ރީބައުންޑް ނަގައި، 2 އެސިސްޓާއި 2 އެސިސްޓްގެ އިތުރުން އެއް ސްޓީލް ފުރިހަމަކޮށްފައެވެ. ރާއްޖޭން އެންމެ މޮޅަށް ކުޅުނީ އަމްޒަރު އެވެ. އޭނާ ވަނީ ފަސް ޕޮއިންޓާއެކު ހަ ރީބައުންޑްނަގައި، ދެ އެސިސްޓް ހަދާފައެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބޫޓާނުން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ރޭގަނޑު 8:30 ގައި ކުޅޭ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާ އެވެ.
