މިހާރު ކުރިއަށްދާ ސީއޭއެމްގެ 1 ވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކަށްފަހު އޯޕަން ސިންގަލްސް އިވެންޓްގެ ފައިނަލްގައި އިސްމާއިލް ސުޖާއު އާއި އަބްދުﷲ އިސްމާއިލް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މަހުގެ 11 އިން 16 އަށް މާލޭގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އޯޕަން ސިންގަލްސް އަދި ޑަބަލްސް އިވެންޓް ކުޅުމަށް ހަމަޖެހިފައިވެއެވެ. 40 އަހަރުން މަތީ މީހުންނަށް ހާއްސަކޮށްގެން ސީއޭއެމް އިން މި އަހަރު މުޅިން އަލަށް ފަށާފައިވާ މި މުބާރާތުގައި ހުރިހާ އިވެންޓެއް ހިމެނޭ ގޮތަށް ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުރީގެ ގައުމީ ޗެމްޕިއަން މުޙައްމަދު އާމިރު (އާމްބެ) އަތުން އަބްދުﷲ އިސްމާއިލް މޮޅުވީ ސީދާ ދެ ގޭމުންނެވެ. މި މެޗުގެ ސެޓުތައް އަބްދުﷲ އިސްމާއިލް ގެންދިޔައީ 25-8، 25-17 އިންނެވެ.

ސެމީގެ ދެވަނަ މެޗުގައި ރޭ އިސްމާއިލް ސުޖާއު ވަނީ އާދަމް އިސްމާއިލް (ކުނޑި) އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އިސްމާއިލް ސުޖާއު ގެންދިޔައީ 25-4، 25-5 އިންނެވެ.

މި އަހަރުގެ މުބާރާތުގެ އޯޕަން ޑަބަލްސްގެ ފައިނަލަށް ވެސް މި ދެ ކުޅުންތެރިން ވަނީ ދަތުރުކޮށްފައެވެ. ފައިނަލްގައި އިސްމާއިލް ސުޖާއު އާއި ނާޒިމް ހަސަންގެ ޕެއާ ނިކުންނާނީ އަބްދުﷲ އިސްމާއިލް އާއި އާދަމް ސަލީމް (ކުނޑި) އާ ދެކޮޅަށެވެ.

މި ފަހަރުގެ މުބާރާތުގެ އޯޕަން ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ  އެވެ.