އިއްޔެ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތަކަށްފަހު، ކެންދޫ ސްކޫލްގެ ކުދިންގެ މެދުގައި ކުޅެވުނު ޗެރިޓީ މެޗަކުން ކެންދޫ ފުޓްބޯލް ޗެލެންޖް 2023 އިފްތިތާހުކުރިއިރު އެ މުބާރާތުގައި ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ގްލޯރިއަސް ވިކްޓްރީއާ ބީ.އެލް.ޓީ އެވެ.
އިއްޔެ ހަވީރު ކެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ކުލަގަދަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ޖުމްލަ ހަތް ޓީމާއެކު ފެށި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރިއިރު، މުބާރާތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުބާރާތުގެ ޓްރޮފީވެސް ވަނީ އިފްތިތާހް ކޮށްފައެވެ.
މި މުބާރާތް ފެށުމުގެ ގޮތުން، ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ތީމް ލަވައަށް، ކެންދޫ ސުކޫލުގެ އަންހެން ދަރިވަރުންގެ ފަރާތުން ފުރިހަމަ ނެށުމެއް ހުށައަޅައިދީފައިވެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ގްލޯރިއަސް ވިކްޓްރީ މޮޅުވީ 4-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވާދަވެރިކުޅުމެއް ފެނިގެން ދިޔަނަމަވެސް ގްލޯރިއަސް ވިކްޓްރީގެ ފުރަތަމަ ލަނޑަށްފަހު، މެޗުގެ އޮއެވަރު ބަދަލުވިއެވެ. ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 8، ރައްޝާފް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ހެޓްރިކް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ރައްޝާފް އެވެ. ގްލޯރިއަސް ވިކްޓްރީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 30، ރަޝާދެވެ.
މި މެޗުގައި ބީ.އެލް.ޓީ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 27، ހަމްޒާ އެވެ.

މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.
ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މި މުބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ، އެފް.ސީ ވެންގާޑް އަދި ޑީ.އެސް.އާރު.ސީ އެވެ.
