ސީއޭއެމްގެ 1 ވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކަށްފަހު އޯޕަން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އަބްދުﷲ އިސްމާއިލް ހޯދިއިރު އޯޕަން ޑަބަލްސް ޗެމްޕިއަނުންނަކީ ނާޒިމް ހަސަން އާއި އިސްމާއިލް ސުޖާއުގެ ޕެއާ އެވެ.
މި މަހުގެ 11 އިން 16 އަށް ކުރިއަށްދިޔަ ވެޓަރަންސް މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ މާލޭގައި ހުންނަ ކެރަމް ހޯލްގައެވެ.
އިއްޔެ ހަވީރު ކުޅުނު އޯޕަން ސިންގަލްސް ފައިނަލްގައި އިސްމާއިލް ސުޖާއު އަތުން އަބްދުﷲ އިސްމާއިލް މޮޅުވީ ސީދާ ދެ ގޭމުންނެވެ. މި މެޗުގެ ސެޓުތައް އަބްދުﷲ އިސްމާއިލް ގެންދިޔައީ 22-12، 23-14 އިންނެވެ.
ރޭ ކުޅުނު އޯޕަން ޑަބަލްސް ފައިނަލްގައި އިސްމާއިލް ސުޖާއު އާއި ނާޒިމް ހަސަންގެ ޕެއާ އިން ވަނީ ފަހަތުންއަރައި 2-1 އިން އަބްދުﷲ އިސްމާއިލް އާއި އާދަމް ސަލީމް (ކުނޑި) އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު އަބްދުﷲ އިސްމާއިލް އާއި އާދަމް ސަލީމް (ކުނޑި) ގެ ޕެއާ ގެންދިޔައީ 21-11 އިންނެވެ. ނަމަވެސް، ނާޒިމް ހަސަން އާއި އިސްމާއިލް ސުޖާއު ވަނީ ދެން ޖެހިގެންއައި ދެ ސެޓު 23-14، 21-14 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.
އޯޕަން ސިންގަލްސްގެ ތިންވަނަ މަގާމަށް އާދަމް ސަލީމް (ކުނޑި) ހޮވުނުއިރު އޯޕަން ޑަބަލްސްގެ ތިންވަނަ އަށް ދިޔައީ އިބްރާހިމް މުޙައްމަދު އާއި އަފީފުއްނިސާގެ ޕެއާ އެވެ.
40 އަހަރުން މަތީ މީހުންނަށް ހާއްސަކޮށްގެން ސީއޭއެމް އިން މި އަހަރު މުޅިން އަލަށް ފެށި މި މުބާރާތުގައި ހުރިހާ އިވެންޓެއް ހިމެނޭ ގޮތަށް ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
ސީއޭއެމްގެ ފަރާތުން މައުލޫމާތު ދެއްވަމުން ޖެނެރަލް ސެކެޓްރީ ހުސެއިން ރައުޝާން ވިދާޅުވީ، މި އަހަރު މުޅިން އަލަށް މި ބޭއްވުނު ވެޓަރަންސް މުބާރާތަށް އެ އެސޯސިއޭޝަނުން ހީކުރިވަރަށް ވުރެ ބޮޑަށް ތަރުހީބު ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގާއި، މިއަށްވުރެ ފޯރިގަދަ ވެޓަރަންސް މުބާރާތްތައް ބޭއްވުމުގެ ވިސްނުން އެބައޮތް ކަމަށް ވެސް ރައުޝާން ވިދާޅުވިއެވެ.
