ނިޔަފަތި ކައިރިން ހަންކޮޅުތަކެއް ނެގިފައި ހުރުމަކީ ބައެއްމީހުންނަށް ދިމައިވާ ކަމެކެވެ. އެ ކަންކޮޅުތައް ނެގިފައި ނުވަތަ ނުޅިފައި އެހެން ހުންނަ އިރު، ތަދެއް އިހުސާސް ކުރެވިދާނެއެވެ. އަދި އެ ހަންކޮޅުތައް ނެއްޓުމަށްޓަކައި ދަމައިގަނެފިނަމަ، ރޯހަންގަނޑަށް ގެއްލުން ވުމުގެ ފުރުސަތުވެސް އޮވެއެވެ. އެހެން އެކަން ވެއްޖެނަމަ އެއީ ވަރަށްވެސް ވޭންހުރި ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ނިޔަފަތި ކައިރިން އިނގިލީގެ ހަންކޮޅުތަކެއް ނެގިދާނެ ނުވަތަ ނުޅިދާނެ ބައެއް ސަބަބުތަކަށެވެ. އެގޮތުން އެއްމެ ފުރަތަމައީ އެމީހަކު އުޅޭ މާހައުލަކަށް އަންނަ ބަދަލުތަކެވެ. މާހައުލުގެ ތެތްކަން ކުޑަވެ، ހޫނުކަން އިތުރުވުނުން، އިންސާނާގެ ހަށިގަނޑުގެ ހަންގަނޑު ހިކޭ ގޮތް ވެއެވެ. އަދި ބައެއްފަހަރު ގަދަ ފިނީގެ ސަބަބުންވެސް ހަންގަނޑުގައި ހުންނަ ތެތްކަން ފިލާގޮސް ހިކެއެވެ. މިގޮތަށް ނިޔަފަތި ކައިރީގެ ހަންގަނޑު ހިކުމުގެ ސަބަބުން އެތަނުގެ އެއްމެ މަތީ ފަށަލައިގައި ހުންނަ ތުނި ހަންކޮޅުތައް މަރުވެ، ހިކެއެވެ. އަދި ރޯ ހަންގަނޑުން ނެއްތި، ހިއްލިފައި ނުވަތަ ނޮޅިފައި އިންނަ ފަދަ ގޮތަކަށް އިނދެއެވެ.

ބައެއްކަހަލަ ކެމިކަލް ތަކުގެ ސަބަބުން ނިޔަފަތި ކައިރިން ހަން ނޮޅޭ ގޮތް ވެއެވެ. އެއީ ބައެއްކަހަލަ ބާރުގަދަ ކެމިކަލްތަކުގެ ސަބަބުންނެވެ. އަނެއްބައި ފަހަރަށް ބާރުގަދަ ނުވި ނަމަވެސް، އެ ކެމިކަލެއްގެ ސަބަބުން ހަންގަނޑު ހިކޭ ކަހަލަ ކެމިކަލެއް ނަމަ ވެސް އެކަން އެމަގުން ހިނގާފާނެއެވެ.

އިންސާނާގެ ހަށިގަނޑުގެ ހަންގަނޑުގައި ރައްކާތެރިކަމަށްޓަކައި ފެނުން ރައްކާތެރިކޮށްދޭ (ވޯޓަރ ޕްރޫޕް) އަސަރެއް ހުރެއެވެ. މާ ގިނައިން އަތް ދޮވެ ހަދާނަމަ، އަތުގެ ހަންގަނޑުގައި ހުންނަ މި އަސަރު މަޑުމަޑުން ނެތެން ފަށައެވެ. ސަބަބަކަށް ވަނީ އަތުގެ ހަންގަނޑުގައި ހުންނަ ތެލުގެ ތާސީރު ނެތޭތީއެވެ. މޫދުގައި ނުވަތަ ފެނުގައި ގިނައިރު އަތް ގެންގުޅުމުން، އިނގިލިތަށް ފޫދެނީ މިފަދަ ސަބަބަކާއި ހުރެއެވެ. މިގޮތަށް އެ އަސަރުގެ ބާރު ހަންގަނޑުން ކެނޑެން ފެށުމުންވެސް ނިޔަފަތި ކައިރި ހަންގަނޑު ނޮޅޭ ގޮތް ވެއެވެ.

މާހައުލުގައި އުޅޭ އެކިކަހަލަ ޒައްރާ ތަކާއި ލޮލަށް ނުފެންނަ އެކި ކަހަލަ މައިކްރޯއޯގަނިޒަމްސް ގެ ސަބަބުން އުފެދޭ ބައެއްކަހަލަ އެލާޖިކް ތަކާއި އިންފެކްޝަންތަކުގެ ސަބަބުންވެސް ނިޔަފަތި ކައިރިން ހަންފޮޅިދާނެއެވެ. ނުވަތަ ނޮޅިދާނެއެވެ. މިފަދަ ހާލަތްތައް އާއްމުކޮށް މެދުވެރިވަނީ އަންގިއެއްފަދަ އެއްޗެއް ބޭނުން ނުކޮށް މާހައުލުގެ "ހަޑި" ސަރަހައްދުތަކުގައި އަތުން މަސައްކަތް ކުރެވޭނަމައެވެ.

ހަންގަނޑަށް ޖެހޭ އެކި އެކި ބަލިތަކުގެ ސަބަބުންވެސް ނިޔަފަތި ކައިރިން ހަން ނޮޅިދާނެއެވެ. އޭގެ ތެރޭގައި އިނގިލިތަކުގެ އެކްޒީމާ އާއި ސޯރިއޯސިސް އާއި އެކްސްފޮލިއޭޓިލް ކެރަޓޯލައިސިސް އަދި ކަވަސާކީ ޑިޒީޒް ފަދަ ހާލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ވިޓަމިން ބީ-3 މަދުވާނަމަވެސް މިހާލަތު މެދުވެރިވެދާނެއެވެ. އެހެނީ ވިޓަމިން ބީ-3 އަކީ ހަންގަނޑުގެ ގުޅުން ބަދަހި ކޮށްދީ ވަރުގަދަކޮށްދީ ހަންގަނޑުގެ ވާންކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި އަނަގަޔާއި އިނގިލިތައް ގާތްކުރިވަރަކަށްވެސް އެހާލަތު މެދުވެރިވެދާނޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އަދި ސްޓްރެެސް ގެ ސަބަބުންވެސް މިއީ ހަމަ ވެދާނޭ ކަމެކެވެ.

މި ބަލާލީ "ސްކިން ކްރާފްޓް" މަޖައްލާގައި ހަންގަނޑުގެ ޒީނަތްތެރިކަމާއި ބެހޭ މާހިރެއް ކަމުގައިވާ ޕުރްތާ ބީ ނަވާލޭ 2022 ގައި ލިޔެފައިވާ ބައެއް ސަބަބުތަކަށެވެ. އަދި މިނޫނަސް އެހެން ސަބަބުތައް ހުރެދާނޭ ކަމަށް ހަމަ އެ ލިޔުމުގައި ނަވާލޭ ވެސް ވަނީ ފާހަގަ ކޮށްފައެވެ.