މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރޭ ޕާކިސްތާން އަތުން ހަނި ނަތީޖާއަކުން ބަލިވެ، ރާއްޖެ އަށް ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ. މި މެޗުން ރާއްޖޭގެ މައްޗަށް ޕާކިސްތާނުން ކުރިހޯދީ 63-65 އިންނެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ތިންވަނަ މެޗެވެ. މި ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 52-42 އިންނެވެ. އޭގެފަހުން، ދެން ކުޅުނު ދެވަނަ މެޗުގައި ބޫޓާން އަތުން ބަލިވީ ވެސް 10 ޕޮއިންޓްގެ ފަރަގަކާއެކު، 60-50 އިންނެވެ.

މިއާއެކު، ރާއްޖެ އަށް މުބާރާތުގެ ސެމީ އަށް ދެވެން އޮތީ ބަންގްލަދޭޝް އަތުން ނޭޕާލް ބަލިވެ، ނޭޕާލްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން މޮޅުވެގެންނެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

ރޭގެ މެޗު ފަށައިގެން ކުރީކޮޅު ލިބުނު ލީޑް ފިޔަވައި ރާއްޖެ އަށް ޕާކިސްތާނުގެ ކުރިހޯދިފައެއްނުވެއެވެ.  މި މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލީ ޕާކިސްތާނުން ހަތް ޕޮއިންޓްގެ ލީޑެއްގައި އޮވެ، 22-15 އިން ކުރީގަ އޮވެގެންނެވެ. ފުރަތަމަ ކުއާޓާ އެކޭ އެއްގޮތަށް ދެވަނަ ކުއާޓާގައި ވެސް ޕާކިސްތާނުން ޑޮމިނޭޓްކުރިއިރު މި ކުއާޓާގެ ފަހު ދެ މިނެޓާއި ހަމައަށް އައިއިރު ޕާކިސްތާނުން ބޮޑު ލީޑެއްގައި އޮއްވަ، ފަހުވަގުތުގައި ފުލުފުލުގައި ރާއްޖޭން ކާމިޔާބުކުރި ބާސްކެޓްތަކާއެކު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކުރިއެވެ. ދެވަނަ ކުއާޓާ ނިމުނުއިރު ޕާކިސްތާނުން ލީޑްކުރަމުންދިޔައީ 40-34 އިންނެވެ. މި ކުއާޓާގައި ރާއްޖޭން 19 ޕޮއިންޓް ހޯދިއިރު ޕާކިސްތާނަށް ލިބުނީ 18 ޕޮއިންޓެވެ.

މުޅި މެޗުގައި ވެސް ސްކޯރިން އެންމެ ދަށްކޮށް ފެނިގެންދިޔަ ތިންވަނަ ކުއާޓާގައި ރާއްޖޭން 11 ޕޮއިންޓް ހޯދިއެވެ. މި ކުއާޓާގައި ޕާކިސްތާނަށް ލިބުނީ 10 ޕޮއިންޓެވެ. ޕާކިސްތާނުން މި ކުއާޓާ ނިންމާލީ 50-45 އިން ކުރީގަ އޮވެގެންނެވެ.

ފަހު ކުއާޓާގެ ފުރަތަމަ ފަސް މިނެޓަށް ބަލާއިރު ޕާކިސްތާނުން ބޮޑު ލީޑެއްގައި އޮއްވަ، އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކު ފަސް ފައުލް ހަމަވުމުން އޭގެ ފައިދާނަގައި ރާއްޖޭން ވަނީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުތަނުން ކުޑަކޮށްފައެވެ. ކުރީ ދެ ކުއާޓާ އެކޭ އެއްގޮތަށް ހަތަރުވަނަ ކުއާޓާގައި ވެސް ގިނަ ޕޮއިންޓް އެއްކުރީ ރާއްޖެއިންނެވެ. މި ކުއާޓާގައި ރާއްޖެ އަށް 18 ޕޮއިންޓް ލިބުނުއިރު ޕާކިސްތާނަށް ލިބުނީ 15 ޕޮއިންޓެވެ. މީގެއިތުރުން، މި ކުއާޓާގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ދެ ޓީމުގެ ސްކޯ އެއްވަރުކޮށްލަން ރާއްޖެ އަށް ލިބި އެ ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ޕާކިސްތާނުން މި ކުއާޓާ ނިންމާލީ 65-63 އިން ކުރީގަ އޮވެގެންނެވެ.

ބޫޓާންއާ ދެކޮޅަށް ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

ރާއްޖެއިން މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ވަނީ 10 ޕޮއިންޓާއެކު ފަސް އެސިސްޓާއި، ފަސް ސްޓީލް އަދި ތިން ރީބައުންޑް ނަގާފައެވެ. އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ މި މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މުޙައްމަދު ޙުވައިލިދު އަލީ (ހުވޭ) އެވެ. އޭނާ ވަނީ 13 ޕޮއިންޓް ސްކޯކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އަބްދުﷲ އަމްޒަރު މުޙައްމަދު 12 ޕޮއިންޓް ސްކޯކުރިއެވެ. ޕާކިސްތާނުން އެންމެ މޮޅަށް ކުޅުނު ޚާން ޒަައިނުލް ހަސަން 22 ޕޮއިންޓާއެކު 10 ރީބައުންޑް ނަގައި، ދެ އެސިސްޓާއެކު ތިން ސްޓީލް އަދި ހަތަރު ބްލޮކްކުރިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބޫޓާންގެ މައްޗަށް ބަންގްލަދޭޝް އިން ކުރިހޯދީ 53-61 އިންނެވެ. މިއާއެކު، ބަންގްލަދޭޝް މިވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެއީ، ރާއްޖެ އާއި ބޫޓާން އަތުންނެވެ. ބޫޓާން މޮޅުވީ ރާއްޖެ އާއި ނޭޕާލް އަތުންނެވެ.

މި މަހުގެ 22 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ނޭޕާލް އާއި ބޫޓާންގެ އިތުރުން ދެން ވާދަކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އަދި ދިވެހިރާއްޖެ އެވެ. ފަސް ގައުމު ކުޅޭ މި މުބާރާތުގެ ލީގު ބުރު ނިމޭއިރު ފުލަށްދާ ޓީމެއް ކަޓާނެއެވެ. މިހާތަނަށް ކުޅުނު މެޗުތަކަށްފަހު މިވަގުތު އެންމެ ފުލުގައި އޮތީ އެއްވެސް މެޗަކުން މޮޅުވެފައިނުވާ ރާއްޖެ އެވެ.