ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ގްރޫޕް ސްޓޭޖުގެ 2 ވަނަ މެޗުގައި އެފް.ސީވެންގާޑް އާ ޑީ.އެސް.އާރް.ސީ އެއްވަރުވެގެން ނިމިއްޖެއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗް ނިމުނީ 2-2 އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. 

އެފް.ސީ ވެންގާޑު، ފާހަގަ ކޮށްލެވެނީ ކެންދޫގެ ފުޓުބޯޅަ މުބާރާތްތަކުގައި ވަރަށްވެސް ކާމިޔާބު ޓީމެއްގެ ގޮތުގައެވެ. ޑީ.އެސް.އާރު.ސީ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަނުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު، މެޗުގެ 7 ވަނަ މިނެޓުގެ ތެރޭގައި ޖަހާ ކުރި ހޯދީ ޑީ.އެސް.އާރު.ސީ އިންނެވެ. ހަމަ އެ މިނެޓުގެ ތެރޭގައި އެފް.ސީ ވެންގާޑުން ވެސް ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކައިރި ކައިރީގައި ފެނުނު މި ދެ ގޯލަށްފަހު، މެޗުގެ 21 ވަނަ މިނެޓުގައި ޑީ.އެސް.އާރު.ސީ އިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ.

ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ޑީ.އެސް.އާރް.ސީ ކުރީގަ އޮވެގެންނެވެ. މި މެޗުގައި ދެވަނަ ފަހަރަށް ވެންގާޑުން އެއްވަރުކުރި ލަނޑުޖެހީ 76 ވަނަ މިނެޓުގައެވެ.  މި މެޗުގައި ޑީ.އެސް.އާރު.ސީ ގެ ގޯލުތައް ޖަހައިދީފައިވަނީ އެ ޓީމުގެ ޖާޒީ ނަމްބަރ 10، އުނައިޝް ޒުބައިރު (އުނޭ) އާއި ޖާޒީ ނަންބަރ 17، އަސްފަރު އަލީ އެވެ. އެފް.ސީ ވެންގާޑުގެ ގޯލުތައް ޖަހައިދީފައިވަނީ ޖާޒީ ނަންބަރ 88، ނާޔިފް އަދި ޖާޒީ ނަންބަރ 9، އިބްރާހިމް ރަޝީދެވެ.

ގިނަ ފައުލުތަކެއް ފެނުނު ވާދަވެރި މި މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ.  މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ، އެފް.ސީ ވެންގާޑްގެ ޖާޒީ ނަންބަރ 25، އިބްރާހިމް އަބްދު ﷲ އެވެ.

މި ދެޓީމަށްވެސް ގްރޫޕް ސްޓޭޖުގައި އަދި ބާކީ އެއް މެޗް އެބަ އޮތެވެ.

މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ. 

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ.  މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.

މި މުބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ، ވިނާސް ބޯއީސްއާ އެފް.ސީ ރައިވަލްސް އެވެ.