1 ވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޖޫން މަހުގެ 11 އިން 16 އަށް މާލޭގައި ހުންނަ ކެރަމް ހޯލްގައިމި އަހަރު މުޅިން އަލަށް ބޭއްވި މި މުބާރާތުގައި 24 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މި ފަހަރުގެ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ އޯޕަން ސިންގަލްސް އާއި އޯޕަން ޑަބަލްސް އިވެންޓެވެ.
ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި ރޭ ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރަންވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި، ހަނދާނީ ލިޔުން އަދި މެޑަލް ދީފައިވާއިރު މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކީ ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާކިރު (ކަށިމާ) އެވެ.
މި އަހަރުގެ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން އަބްދުﷲ އިސްމާއިލް ހޯދިއިރު އޯޕަން ޑަބަލްސް ޗެމްޕިއަން ތަށި އުފުލާލީ ނާޒިމް ޙަސަން އާއި އިސްމާއިލް ސުޖާއުގެ ޕެއާ އިންނެވެ.
40 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން މިއަހަރު މުޅިން އަލަށް ބޭއްވި މި މުބާރާތުގެ ކޮންމެ އިވެންޓެއްގެ ޗެމްޕިއަނުންނަށް ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ވަނީ ފައިސާގެ އިނާމެއްވެސް ދީފައިވެއެވެ.
އެގޮތުން، އޯޕަން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ފަރާތަށް ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން 3،000 ރ. (ތިން ހާސް ރުފިޔާ) ދީފައިވާއިރު އޯޕަން ޑަބަލްސްގެ ޗެމްޕިއަނަށް 2،000ރ. (ދެ ހާސް ރުފިޔާ) ދީފައިވެއެވެ.
