ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ކެރަމް ވެޓަރަންސް ލީގެއް ބާއްވަން ނިންމައިފިއެވެ.

40  އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން މި އަހަރު މުޅިން އަލަށް ބޭއްވި ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕަށް ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ސީއޭއެމް އިން ވަނީ ބުނެފައެވެ.

އެހެންކަމުން އަންނަ އަހަރުގެ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ ބަދަލުގައި މުޅި އަހަރަށް ދެމިގެންދާ ގޮތަށް ވެޓަރަންސް ކެރަމް ލީގެއް ބާއްވަން ނިންމާފައިވާ ކަމަށް ސީއޭއެމް އިން ވަނީ ބުނެފައެވެ.

މާލޭ ކެރަމް ހޯލްގައި ރޭ ބޭއްވި މިފަހަރުގެ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާން ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާކިރު (ކަށިމާ) ވަނީ އަންނަ އަހަރުގެ ވެޓަރަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ފަރާތަކަށް އުމްރާ ދަތުރެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، މި ފަހަރުގެ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް އިވެންޓްގެ ޗެމްޕިއަނަށާއި، އޯޕަން ޑަބަލްސް އިވެންޓްގެ ޗެމްޕިއަނަށް ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ވަނީ ފައިސާގެ އިނާމެއް ދީފައެވެ. އެގޮތުން، އޯޕަން ސިންގަލްސް ޗެމްޕިއަނަށް 3،000 ރ. (ތިން ހާސް ރުފިޔާ) ދީފައިވާއިރު އޯޕަން ޑަބަލްސްގެ ޗެމްޕިއަނަށް 2،000ރ. (ދެ ހާސް ރުފިޔާ) ދީފައިވެއެވެ.