ޗުއްޓީ ހޭދަކޮށްލާ، އާއިލާއާއި އެކު ހިތްހަމަ ޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލަން ގިނަ ދިވެހިން ރިސޯޓުތަކަށް ގޮސް އުޅެއެވެ. ހަމަ އެފަދަ ރިސޯޓުތަކެއް އަވަށްޓެރި އަންޒަމާނު ކަރައިގައިވެސް އެބަ އޮތެވެ.

އަންޒަމާނުކަރަ އަދި ނައްކަވާރުގެ ރަށްތައް ނުވަތަ އަންޑަމަންސް އެންޑް ނިކޮބާރ ގެ ރަށްތަކަކީ ޤުދުރަތީ ރީތިކަން އިންތިހާއަށް ލިބިގެންވާ ރަށްތަކެކެވެ. ދިވެހި ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކެއް އެ ސަރަހައްދުގައި ވެއެވެ. ކުދި ކުދި ފަރުބަދަތަކަކާއި އެކު އުފެދިފައިވާ މި ރީތި ހިތްގައިމު ރަށްތަކުގައި ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެ، ފައްކާވެފައެވެ.

މިއަދު އަންޒަމާނުކަރަ އަކީ އަވަށްޓެރި އިންޑިޔާގެ ބައެކެވެ. އެހެންކަމުން އަންޒަމާނުކަރައަށް ދާން އެދޭ މީހާ އިންޑިޔާ މެދުވެރިކޮށް، އަންޒަމާނުކަރައިގެ ޕޯޓް ބްލެއަރ އެއަރ ޕޯޓަށް ދެވިދާނެއެވެ.

އަންޒަމާނުކަރަ އާއި ނައްކަވާރުގެ ރަށްތަކަކީ ރީތި ސާފު ފަޅުތަކަކާއި ހުދު ދޮންވެލި ގޮނޑުދޮށްތަކަކާއި އެކު މަލަ ރީތި ހޭޅިފަށް ސާފު، ފެހި ރަށްތަކެކެވެ. މި ގޮނޑުދޮށްތަކުގެ އުފާވެރިކަން ހޯދަން ގިނަ ފަތުރުވެރިން އެ ސަރަހައްދަށް ގޮސް އުޅެއެވެ. މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ހިތްގައިމު ގޮނޑުދޮށްތަކުގެ ތެރޭގައި ލަލާޖީ ބީޗް، ލޯނގް އައިލެންޑް ބީޗް، ރަދްނާގަރް ބީޗް، ކޯބީންސް ކޮވް ބީޗް، އެލެފަންޓް ބީޗް އަދި ރޮސް އެނޑް ސްމިތް ބީޗް ހިމެނެއެވެ.

އަންޒަމާނުކަރައިގެ މޫދުގެ ފަރުތަކުގައި ކުދި ކުދި ފަރުބަދަތަކާއި މުރަކައިގެ ބަގީޗާ ތަކާއި ހޮހޮޅަތަށް ހުރެއެވެ. ޤުދުރަތީ ދިރުންތަށް ގިނަ، މުރަކައިގެ ތަނަވަސް ފަރުތަކަކީ ފަތުރުވެރިން ގަޔާވާ މަންޒިލް ތަކެކެވެ. އެގޮތުން އެ ސަރަހައްދުގެ ޖަޒީރާ އެއް ކަމަށްވާ ނީލް އައިލެންޑްސް ގެ ފަރަކީ އެތަނެއްގެ ރީތިކަން އެހެން ތަންތަނަށްވުރެ ފުރިހަމަ ފަރެކެވެ.

ދެކުނު އިންޑިޔާގެ ކެއުންތަކުގެ ރަހަތަކަކީ އަންޒަމާނުކަރައިގައި ލިބެން ހުންނަ ރަހަތަކެކެވެ. އަދި ވަކިން ހާއްސަކޮށް އަންޒަމާނުކަރައިގެ ހާއްސަ ޤަދީމީ ރަހަތަކަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިން މާ ގަޔާވެގެން ކައި އުޅޭ ރަހަތަކެކެވެ. ރާއްޖެފަދަ ޖަޒީރާ އެ ސަރަހައްދަކީ، ރާއްޖެފަދައިން ހަމަހިމޭން ސަރަހަދެއްކެވެ. ކާރޫބާރޫ ބޮޑުކަމެއް ނެތް ހިމޭން އެ މާހައުލުގައި އުފާވެރިކަން ހޯދުމަކީ ގިނަ ފަތުރުވެރިން އެދޭ ކަމެކެވެ.

ޤުދުރަތީ ދިރުންތައް މޫދާއި އެއްގަމުގައިވެސް ގިނަ މި ސަރަހައްދަކީ އެ ރަށްތަކުގެ ތެރޭގައި މީރު ފެނުގެ ސާފު ފެންގަނޑު ތަކާއި ވޯޓަރ ފޯލްތައްވެސް ހުންނަ ސަރަހައްދެކެވެ. ފަރުބަދަތަކުން ފައިބައިގެން އަންނަ އެ ފެންތަކުން އުފެދިފައިވާ ފެންގަނޑުތަކަށް އެރި، ފީނާލާ ހެދުމަކީވެސް ފަތުރުވެރިން ޝައުގުވެރިވާ ކަމެކެވެ.

އަންޒަމާނުކަރަ އަކީ އެ ސަރަހައްދެއްގައި މުއްސަނދި ތާރީހެއްވެސް އޮތް ސަރަހައްދެކެވެ. އެގޮތުން ފާހަގަ ކޮށްލެވެނީ އިންޑިޔާ މިނިވަން ވުމުގެ ކުރިން، އިނގިރޭސިންގެ އަތްދަށުގައި އިންޑިޔާ އޮތް އިރު، އަންޒަމާނުކަރައިގައި އިނގިރޭސިން ބިނާ ކުރި ބޮޑު ޖަލެވެ. ކާލަ ޕާނި ޖަލުގެ ނަމުން ނަން ދެވިފައިވާ މި ޖަލަކީ، ގިނަ ކުދި ގޮޅިތަކެއް އެކުލެވޭހެން ފަރުމާ ކޮށްފައިވާ ބޮޑު ޖަލެކެވެ. މިއަދު މި ޖަލަކީ ތާރީހީ ބިމާއަކަށް ވެގެން ދިޔައިރު، މިއީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެކެވެ. އިނގިރޭސިން ކާލަ ޕާނި ޖަލު ބޭނުން ކޮށްފައި ވަނީ އެމީހުންނަށް ނުކިޔަމަންތެރިވާ މީހުންނާއި ކުށްވެރިންނާއި އަދި ބައެއް އަސީރުން ހައްޔަރުކޮށްގެން ގެންގުޅުނު ޖަލެކެވެ.

އަންޒަމާނުކަރަ އަދި ނައްކަވާރުގެ ރަށްތަކަކީ ޗުއްޓީ ހޭދަކޮށްލަން ގޮސްލާ އުޅެން ކަމުދާ މަންޒިލެކެވެ. ފަހަރުގައި ރާއްޖެއާއި އެއްގޮތް ކަމެއް ހުރުމުން، ޝައުގުވެރިކަން ކުޑަވި ނަމަވެސް އެއީ ދިއުމުން ތަފާތު އިހުސާސް ކުރެވޭނެ މަންޒިލެކެވެ.

 

ހަވާލާ: ޓްރެވަލް އިން އޭޝިއަރ 2023