ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ގްރޫޕް ސްޓޭޖުގެ 3 ވަނަ މެޗު ވިނާސް ބޯއީސް ކާމިޔާބު ކޮށްފިއެވެ. އެފް.ސީ ރައިވަލްސް އާއި ވިނާސް ބޯއީސް ބައްދަލު ކުރި މި މެޗް، ވިނާސްބޯއީސް އިން ކާމިޔާބު ކުރީ 4-3 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގައި ވިނާސް ބޯއީސް އިން ހަތަރު ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރާ، އެފް.ސީ ރައިވަލްސް ވަނީ ތިން ގޯލު ޖަހާފައެވެ. އެފް.ސީ ރައިވަލްސްގެ ފުރަތަމަ ލަނޑަށްފަހު، އެޓީމުގެ ކުޅުން ވަނީ ރަނގަޅުކޮށްފައެވެ.
މި މެޗުގައި ވިނާސް ބޯއީސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 10، މުހައްމަދު އަޝްރަފް އާއި ޖާޒީ ނަމްބަރ 14، މުނާދް މުހުތާރުގެ އިތުރިން ޖާޒީ ނަންބަރ 7، އަލީ ނަސީމެވެ. އަލީ ނަސީމް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެފް.ސީ ރައިވަލްސްގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 11، އަލީ ޖުނައިދުގެ އިތުރުން ޖާޒީ ނަންބަރ 2، އައިހަމް އަހުމަދު (އައިހު) އެވެ. އައިހަމް ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައެވެ. އެފް.ސީ ރައިވަލްސްގެ ފަހު ދެ ގޯލު ޖަހާފައި ވަނީ މެޗުގެ 90 މިނެޓު ހަމަވި ފަހުންނެވެ.

ފޯރިގަދަ މި މެޗުގައި ވަނީ ގިނަ ކާޑުތަކެއްވެސް ފެނިގެން ގޮސްފައެވެ. އެގޮތުން ވިނާސްބޯއީސްގެ ތިން ކުޅުންތެރިއަކަަށް ރީނދޫ ކާޑު ދައްކާފައިވާއިރު، އެފް.ސީ ރައިވަލްސްގެ ދެ ކުޅުންތެރިއަކަަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
މި މެޗުގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެފް.ސީ ރައިވަލްސްގެ ޖާޒީ ނަންބަރ 2، އައިހަމް (އައިހު) އެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ހޭޅިއާ ޑީ.އެސް.އާރު.ސީ އެވެ.
