މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ، ރާއްޖެ އިން މުބާރާތް ނިންމާލައިފިއެވެ. ނޭޕާލްއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 75-68 އިންނެވެ.
މި ފަހަރުގެ މުބާރާތުގެ ލީގު ބުރު ނިމުނުއިރު ރާއްޖެ ފިޔަވައި ހުރިހާ ޓީމަކުން ވަނީ މޮޅެއް ހޯދާފައެވެ. ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ، މުބާރާތް ނިންމާލަން ޖެހުނީ އެންމެ ފުލުގައި އޮވެގެންނެވެ. ތިން މެޗުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީ ފައިނަލަށް ދަތުރުކުރިއިރު ޕާކިސްތާން ވެސް ވަނީ ތިން މެޗުން މޮޅުވެފައެވެ. އެ ޓީމު ބަލިވީ ހަމައެކަނި ނޭޕާލް އަތުންނެވެ. މިއާއެކު، ނޭޕާލަށް ކުރިލިބުނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝް އާއި ހަތަރެއްގައި އޮތް ބޫޓާނަށް ވެސް ލިބިފައިވަނީ ދެ މޮޅެވެ. ބަންގްލަދޭޝް އަށް ވެސް ކުރިލިބެނީ ހެޑްޓުހެޑް ގަވާއިދުންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅެވުނު މެޗު ފަށައިގެން ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ނޭޕާލުން 9-0 ގެ ލީޑެއްނަގާފައިވަނިކޮށް ރާއްޖޭގެ ފުރަތަމަ ޕޮއިންޓްތައް ސްކޯކޮށްދިނީ މުޙައްމަދު ޙުވައިލިދު އަލީ (ހުވޭ) އެވެ. އޭނާ މި ޕޮއިންޓްތައް ސްކޯކޮށްދިނީ ނޭޕާލްގެ ކުޅުންތެރިއަކު ފައުލްކުރުމުން ލިބުނު ދެ ފްރީތްރޯގެ އެހީގައެވެ. ފުރަތަމަ ކުއާޓާގެ ކުޅުމުގައި ބާކީ 1:46 މިނެޓު އޮއްވާ، ނޭޕާލުން ލީޑްކުރަމުން ދިޔައީ 20-9 އިންނެވެ. މި ކުއާޓާ ނިންމާލީ 24-12 އިން ނޭޕާލް ކުރީގަ އޮވެގެންނެވެ.
ފުރަތަމަ ކުއާޓާއާ ހިލާފަށް ދެވަނަ ކުއާޓާގައި ރާއްޖޭން ކުޅުން ރަނގަޅުކޮށް، ނޭޕާލާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މޮޅު ޑިފެންސްތަކެއްކޮށް، މުހިއްމު ދަނޑިވަޅުގައި ޕޮއިންޓްތަކެއް ސްކޯކުރިއެވެ. އޭގެނަތީޖާއެއްގެ ގޮތުން، މުޅި ކުއާޓާގައި ރާއްޖޭން ވަނީ 21 ޕޮއިންޓް ސްކޯކޮށްފައެވެ. އެއީ މި ކުއާޓާގައި ނޭޕާލުން ސްކޯކުރިވަރަށް ވުރެ އެންމެ ޕޮއިންޓެއް މަދުންނެވެ. ފުރަތަމަ ދެ ކުއާޓާ އަށް ފަހު ނޭޕާލުން ލީޑްކުރަމުންދިޔައީ 46-33 އިންނެވެ.
ދެވަނަ ކުއާޓާގައި ރާއްޖޭން ދެއްކި ކުޅުން ތަކުރާރުކުރެވޭގޮތްނުވެ، ގިނަ ބާސްކެޓްތަކެއް ނާކާމިޔާބުވުމާއެކު ތިންވަނަ ކުއާޓާ ނިންމާލިއިރު ސްކޯކުރެވުނީ އެންމެ ހަ ޕޮއިންޓެވެ. މި ކުއާޓާގައި ނޭޕާލުން ސްކޯކުރި 16 ޕޮއިންޓާއެކު، މުޅި މެޗުގެ ސްކޯގައި ވަނީ 23 ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. ފުރަތަމަ ތިން ކުއާޓާ އަށް ފަހު ނޭޕާލް އޮތީ 62-39 އިން ކުރީގަ އެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާ ފެށިއިރު ނޭޕާލުން ބޮޑު ލީޑެއްގައި އޮތުމާއެކު އެ ޓީމުން ހަމަޖެހިލަން މަސައްކަތްކުރި ދަނޑިވަޅުގައި ރާއްޖޭން ދެއްކި އާދަޔާ ހިލާފު ހިތްވަރާއެކު ކުރިން 20 ޕޮއިންޓަށް ވުރެ އިތުރުވެފައި އޮތް ލީޑް ދިޔައީ ކުޑަކުރަމުންނެވެ. އެގޮތުން، މި މެޗުގެ ހަތަރުވަނަ ކުއާޓާގެ ކުޅުމުގައި ބާކީ 6:37 އޮއްވަ، ރާއްޖޭގެ ރާއިދު ސްކޯކުރި ތިން ޕޮއިންޓާއެކު އެ ފަރަގު 16 ޕޮއިންޓަށް ކުޑަކުރިއެވެ. އޭރު ނޭޕާލުން ލީޑްކުރަމުންދިޔައީ 70-54 އިންނެވެ.
އަދި އޭގެފަހުން، މެޗުގެ ހަތަރުވަނަ ކުއާޓާ ނިމުމާ ހަމައަށް ބާކީ އޮތް ބައިގައި ނޭޕާލަށް ފަސް ޕޮއިންޓް ސްކޯކުރެވުނުއިރު ރާއްޖޭން ވަނީ އެވަގުތުކޮޅުގެ ތެރޭގައި 14 ޕޮއިންޓް ސްކޯކޮށްފައެވެ. އެހެންނަމަވެސް، މި މެޗުގެ ތިންވަނަ ކުއާޓާގެ މުހިއްމު ދަނޑިވަޅުގައި ގިނަ ބާސްކެޓްތަކެއް ސްކޯނުކުރެވުމުގެ ސަބަބުން ނޭޕާލުން ނަގާފައި އޮތް ލީޑް އިތުރަށް ކުޑަކުރެވޭ ގޮތްނުވެ، ބަލިވީ ހަތް ޕޮއިންޓްގެ ތަފާތަކުން 75-68 އިންނެވެ.
މި މެޗުގައި ރާއްޖޭން އެންމެ މޮޅަށް ކުޅުނު އަބްދުﷲ އަމްޒަރު މުޙައްމަދު ވަނީ 31 ޕޮއިންޓާއެކު ނުވަ ރީބައުންޑް ނަގައި، ދެ އެސިސްޓާއި އެއް ސްޓީލް ނަގާފައެވެ. ނޭޕާލްގެ މަނީޝް 21 ޕޮއިންޓާއެކު ނުވަ ރީބައުންޑް ނެގިއެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕާކިސްތާނުން ވަނީ 84-66 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. އެ ޓީމުން ލީގު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވިނަމަވެސް، ދެން ކުޅުނު ތިން މެޗު ކާމިޔާބުކުރިއެވެ.
ލީގު ބުރުގެ މެޗުތައް ރޭ ނިމުނުއިރު ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. ފުރަތަމަ ސެމީގައި ނޭޕާލުން ބޫޓާނާ ދެކޮޅަށް ނިކުންނައިރު ސެމީގެ ދެވަނަ މެޗުގައި ޕާކިސްތާން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 22 ވާ ބުރާސްފަތި ދުވަހު އެވެ.
