10 ވަނަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދިއިރު އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބުން ހޯދައިފިއެވެ.
މި ޖޫން މަހުގެ 8 އިން 18 ގެ ނިޔަލަށް ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ޖުމްލައެކު 18 ޓީމު ބައިވެރިވެފައިވެއެވެ. އެއީ، ފިރިހެން ޑިވިޝަނުގެ 13 ޓީމާއި، އަންހެން ޑިވިޝަނުގައި ބައިވެރިވި 5 ޓީމެވެ. މިދިޔަ އަހަރެކޭ އެއްގަޮތަށް މި އަހަރުގެ މުބާރާތުގައި ވެސް ކުޅެފައިވަނީ ސިންގަލްސް އަދި ޓީމް އިވެންޓެވެ.
މިފަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އާމިނަތު ހަލީމް (ދިލް) އެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އޭނާ ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު ވެސް ތަށި އުފުލާލި އެމްޕީއެލްގެ މުހައްމަދު ދުންޔާޒު އެވެ.
މުބާރާތުގެ ޓީމު އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ ފައިނަލުގައި ކަސްޓަމްސް ބަލިކޮށްގެންނެވެ. މި މެޗުން އެމްޕީއެލް މޮޅުވީ 2-1 އިންނެވެ. ފައިނަލްގައި ކުޅުނު ޑަބަލްސްގެ ފުރަތަމަ މެޗުގައި އެމްޕީއެލްގެ ދުންޔާޒް އާއި އަފީފްގެ ޕެއާ އަތުން ކަސްޓަމްސްގެ ފަޔާޒް އާއި ޒުބައިރު މޮޅުވީ 2-7 ފްރޭމުންނެވެ. ދެވަނަ މެޗުގައި އެމްޕީއެލްގެ ޖީހާން އާއި ޝާވިން 7-5 ފްރޭމުން ކަސްޓަމްސްގެ އަހުސަން އާއި ހާމިދު ބަލިކުރިއިރު، ފަހު މެޗުގައި އެމްޕީއެލްގެ މުންތަސިރު އާއި ސައްމާން ވަނީ 7-1 ފްރޭމުން ކަސްޓަމްސްގެ ހިޝާމް އާއި ސޮލާހު ބަލިކޮށްފައެވެ.
ފިރިހެން ޑިވިޝަނުގެ ޓީމު އިވެންޓުގެ ތިން ވަނަ ހޯދީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެވެ. އެއީ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) 2-1 އިން ބަލިކޮށްގެންނެވެ.
އަންހެން ޑިވިޝަނުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބުންނެވެ. ރައީސް އޮފީހުގެ ސޯޝަލް ކްލަބުން ވަނީ ފައިނަލްގައި 2-0 އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށްފައެވެ. ފައިނަލްގައި ކުޅުނު ސިންގަލްސްގެ ފުރަތަމަ މެޗުގައި ރައީސް އޮފީހުގެ އާމިނަތު މަލީޝާ ވަނީ 6-4 ފްރޭމުން އެމްއޭސީއެލްގެ އާމިނަތު ނަދާ ބަލިކޮށްފައެވެ. ދެން ކުޅުނު މެޗުގައި ރައީސް އޮފީހުގެ ދީނާ އަހުމަދުއާ އެމްއޭސީއެލްގެ އައިޝަތު އަލީ 5-5 ފްރޭމުން އެއްވަރުވިއިރު، ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް ވަނީ 6-3 ފްރޭމުން އެމްއޭސީއެލްގެ އާދިލާ އާދިލް އަތުން މޮޅުވެފައެވެ. އަންހެން ޑިވިޝަނުގެ ޓީމް އިވެންޓުން ތިންވަނަ ހޯދީ ކަސްޓަމްސް އެވެ.
