ހަކުރުބައްޔަކީ ނުވަތަ ހަކުރު މައްޗަށް ދިއުމަކީ މިއަދު ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމު ބައްޔެކެވެ. ލޭގެތެރޭގައި ހުންނަ، ހަކުރުގެ މާއްދާ ހުންނަންވާ މިންވަރަށްވުރެ މަތިވުމުން ހަކުރު މައްޗަށް ދިއުމޭ ކިޔައެވެ. ހަކުރު މަތި ވުމަކީ އެކަމުގެ ސަބަބުން ތަފާތު އެކި އެހެން ބަލިތައް ނުވަތަ މައްސަލަތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން ޑައިބެޓިކް ފޫޓް އޭ ކިޔާ ހާލަކީވެސް މިފަދަ ހާލަތަކެވެ.

ހަކުރުބަލި ހުންނަ މީހުންނަށް އެމީހުންގެ ފަޔަށް ލިބޭ އަނިޔާތަށް ފަސޭހަ ނުވެ ހުރުމަކީ ވަރަށް އާއްމު ކަމެކެވެ. މި ގޮތަށް ހަކުރުބަލި ހުންނަ މީހެއްގެ ފައިގާ ފާރުކޮޅެއް ހެދި، ފަސޭހަ ނުވެ، އެ ފާރުކޮޅެއް ނުބައިވަމުންދާ ހާލަތުގައި ޑައިބެޓިކް ފޫޓް އޭ ކިޔައެވެ.

މި ހާލަތުގައި ކަން މި ވާ ގޮތަކީ، ހަކުރުބަލީގެ ސަބަބުން ފައިގެ ލޭ ހޮޅިތަކާއި ހިއްސީ ނާރުތަކަށް އެކިވަރުގެ އަނިޔާވުމާއި އެކު، ފައިގެ ނުވަތަ ފައިތިލާގެ އިހުސާސް މަޑުމަޑުން ކުޑަވަމުން ދިއުމެވެ. އަދި ލޭހޮޅިތަކަށް ލިނޭ އަނިޔާތަކުގައި ފައިތިލައަށް ނުވަތަ ފަޔަށް އޮކްސިޖަނާއި ކެވެނީގެ މާއްދާތައް ފޯރުކޮށްދެވޭ މިންވަރު މަދުވެ، ފައިގެ ހަތާތަކާއި ހަތާރުތަކަށް ގެއްލުން ލިބެމުން ދިއުމެވެ.

އައްސިވެ އިހުސާސް ކުޑެވެފައިވާ ފަޔަކަށް ލިބޭ އެކިކަހަލަ އަނިޔާތަކާއި ކަނޑައިގެންދާ ތަންތަނާއި މެށި ފާރުވާ ތަންތަނުގައި ތަދުގެ އިހުސާސް ނުކުރެވި ދެއެވެ. އެހެންކަމުން ގިނަފަހަރަށް އެފަދަ ފާރުކޮޅުތައް ހުންނަކަމް ނޭނގުމާއި ނުވަތަ އެފަދަ ފާރުކޮޅުތަކަށް އަޅާލަންވާ ވަރަށް އަޅާނުލެވުމުން އެ ފާރުކޮޅުތައް ބޮޑުވަމުން ދެއެވެ. އަނެއް ކަމަކީ ހަކުރުބަލީގެ ސަބަބުން ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކުގައި ފައިގެ އެހިސާބުތަކަށް އޮކްސިޖަނާއި ކެވެނީގެ މާއްދާތަށް ފޯރުކޮށްދިނުމުގައި އެ އުޅޭ އުނިކަމުގެ ސަބަބުން، ފާރު ހިކުމުގެ ބާރު ދަށްވެގެން ދެއެވެ. އަދި ފައިގާ އުފެދޭ ފާރުކޮޅުތަކުގައި ޖަރާސީމު އަށަގަނެެއްޖެނަމަ، އެ ޖަރާސީމުތަކާއި ދެކޮޅަށް މަސައަކަތްކުރާ ހުދުލޭ ހަތާތަށް ފައިގެ އެ ހިސާބަށް ފޯރާ ވަރު މަދުވެއެވެ. އެހެން ވަނީ ފައިގެ ހޭލޮޅިތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުންނެވެ. މިގޮތަށް ހުދުލޭ ހަތާތަށް އެ ހިސާބަށް ފޯރާ މިންވަރު މަދުވުނުން، ޖަރާސީމުތައް އެ ފާރުކޮޅުގައި ފެތުރި ގަދަވެ ގިނަވަމުން ދެއެވެ. މިއީވެސް އެ ފާރުކޮޅުތައް ފަސޭހަނުވެ، ނުބައިވެ، ބޮޑުވަމުން ހިނގައިދާނޭ ސަބަބެކެވެ.

ކަން މިހެން ހުރުމާއި އެކު، ހަކުރުބަލި ހުންނަ މީހުން އެމީހުންގެ ފަޔަށް، ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. ފައިގެ އެއްވެސް ހިސާބަކު، އެއްވެސް ކަހަލަ އަނިޔާއެއް ހުރިތޯ ބަލަންވާނެއެވެ. ފައިގެ އިހުސާސް ކުޑަވެ އައްސިވާނަމަ، ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.