ސްޓެލްކޯއިން ޚިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ އިހްލާސްތެރި ކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯ އަށް 26 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑު ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ކުންފުންޏަށް ލިބިފައިވާ ކާމިޔާބަކީ ހަމައެކަނި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިއަރައިގެން ދިއުން އެކަނި ނޫންކަން ހާމަކުރައްވާ ޝަރީފް ވަނީ އެކުންފުންޏަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ މުހިއްމު ކުންފުންޏެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މީގެ ކުރިން މިއީ ސްޓެލްކޯއަށް އާ މަސައްކަތެއްނަމަވެސް މިއަދު މި ކަންކުރާ އެހެން ކުންފުނިތަކެކޭ އެއް ފެންވަރެއްގެ ހުނަރުވެރި ގާބިލް މުއައްޒަފުން އުފެއްދިފައި އެބަހުރިކަން ޝަރީފް ފާޙަގަކުރެއްވިއެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ދޭ ކަރަންޓުގެ ޚިދުމަތް ޒަމާނީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ގޭބިސީތަކަށް ސްމާޓު މީތަރު ތައާރަފްކޮށް އެ ބެހެއްޓުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރެއްވިއެވެ. އަދި އޭރުން ރައްޔިތުންގެ ތެރެއިން ބައެއް މީހުން މިހާރު ވެސް ކުރަމުން އަންނަ ޝަކުވާއެއް ކަަމަށްވާ ކަރަންޓު ބިލު ބޮޑުވާ ކަމުގެ ޝަކުވާއަށް ހައްލެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެ ކުންފުނިން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.
