ޔޫރޯ ކޮލިފައިންގައި ރޭ ގްރީސް އަތުން 1-0 އިން ފްރާންސް މޮޅުވި މެޗުގައި ޖެހި ލަނޑާއެކު އެ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މިއީ މި ފަހަރުގެ ކޮލިފައިންގައި ފްރާންސް މޮޅުވި ހަތަރުވަނަ މެޗެވެ. އެ ޓީމު މިވަގުތު އޮތީ ގްރޫޕް ބީ ގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ގްރީސް އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އޭގެ ތިން ޕޮއިންޓް ފަހަތުން ތިނެއްގައި އޮތީ ރިޕަބްލިކް އޮފް އަޔާލެންޑް އެވެ. ހަތަރުވަނައިގައި އޮތް ނެދަލެންޑްސް އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޕެރިހުގައި ރޭ ކުޅުނު މި މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ޖެހި ގޯލާއެކު އޭނާ ވަނީ އެއް ސީޒަނެއްގައި މިހާތަނަށް ކްލަބަށާއި ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ޖަސްޓް ފޮންޓެއިންގެ ރެކޯޑް މުގުރާލައިފައެވެ. ރޭގެ ގޯލާއެކު އެމްބާޕޭ ވަނީ މި ސީޒަނުގައި ފްރާންސަށާއި ޕީއެސްޖީ އަށް 54 ލަނޑުޖަހައިފައެވެ.

ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން އަށް ގްރީސްގެ ޑިފެންޑަރު، ކޮންސްޓަންޓިނޯސް މަވްރޮޕާނޯސް  ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެންމެ ފުރަތަމަ އެމްބާޕޭ ފޮނުވާލުމުން ގްރީސްގެ ކީޕަރު އޮޑިސިއަސް ވްލަޗޮޑިމޯސް މަތަކުރިއެވެ. ނަމަވެސް، ޕެނަލްޓީ ފޮނުވާލި ވަގުތު ގްރީސްގެ ކުޅުންތެރިން ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމުން ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އަލުން ފޮނުވާލަން އަންގާފައެވެ. އެމްބާޕޭ ވަނީ ދެވަނަ ފަހަރަށް ލިބުނު ފުރުޞަތުގައި އެ ބޯޅަ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައި، ފްރާންސަށް ލީޑްނަގައިދީފައެވެ. މިއީ ކޮލިފައިންގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

ފްރާންސްގެ ގޯލަށް ފަހު އެ ޓީމުގެ ލީޑް ފުޅާކޮށްދޭން ރެންޑަލް ކޯލޯ މުއާނީ އާއި ޖޫލްސް ކޫންޑޭ އަދި ފަހު ހާފުގައި ކުޅެން ނިކުތް އޮސްމާނޭ ޑެމްބެލޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ. މީގެއިތުރުން، މެޗުގެ 69 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް. ކޯލޯ މުއާނީ އަށް ގްރީސްގެ ޑިފެންޑަރު، މަވްރޮޕާނޯސް ކުރި ފައުލަކަށް ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މި ގްރޫޕުގައި ހިމެނޭ އަޔާލެންޑަށް އަމިއްލަ ދަނޑުގައި ޖިބްރޯލްޓާގެ ޑިފެންސް ފޫއަޅުވާލެވުނީ 52 މިނެޓު ފަހުންނެވެ. ނަމަވެސް، މި މެޗު ނިމުމުގެކުރީން އަޔާލެންޑުން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އެ ޓިމުގެ ލަނޑުތައް ޖަހައިދިނީ މައިކޭ ޖޯންސްޓަން، އިވާން ފާގަސަން އަދި އެޑަމް އިޑާ އެވެ.

ކޮލިފައިންގެ ގްރޫޕް ޑީ ގައި ރޭ ލެޓްވިއާ އަތުން 2-1 އިން އަރުމީނިއާ މޮޅުވިއިރު، ތުރުކިޔޭ ވަނީ 2-0 އިން ވޭލްސް ބަލިކޮށްފައެވެ.