ޔޫރޯ ކޮލިފައިންގައި ރޭ އިންގްލެންޑުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޯތު މެސެޑޯނިއާ އަތުން މޮޅުވި މެޗުގައި ހެޓްރިކް ހެދި އެ ޓީމުގެ އިތުބާރު ވިންގް، ބުކާޔޯ ސަކާ އަށް ކޯޗު ގަރެތު ސައުތުގޭޓް ތަޢުރީފްކޮށްފިއެވެ.

ރޭގެ މެޗަކީ، އުމުރުން 21 އަހަރުގެ ސަކާގެ ކެރިއަރުގައި މިހާތަނަށް ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. އަދި އޭނާ ވަނީ 2008 ވަނަ އަހަރު ތިއޯ ވޮލްކޮޓް ހެޓްރިކް ހެދި ފަހުން ރަސްމީ މެޗެއްގައި އިންގްލެންޑްގެ ގައުމީ ޓީމަށް ހެޓްރިކް ހެދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި ފަހަރުގެ ކޮލިފައިންގައި އިންގްލެންޑުން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ތާވަލްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. އަނެއްކޮޅުން ރޭގެ މެޗަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި މޮންޓެނީގްރޯ އަތުން 7-0 އިން މޮޅުވިފަހުން އިންގްލެންޑުން އަމިއްލަ ދަނޑުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދި މޮޅެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށް އިންގްލެންޑްގެ ބުކާޔޯ ސަކާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ

"އަހަރެން، އޭނާ އަށް ޓަކައި ވަރަށް ބޮޑަށް އުފާވެއްޖެ،" 

"މިދިޔަ ދުވަސްތަކުގައި ކުޑަ އިންޖަރީއެއްގެ ހުރުމަށްފަހު މިރޭގެ މެޗުގައި އޭނާ ކުޅުނީ. އަނެއްކޮޅުން ރޭގެ މެޗުގައި މިފެނިގެންދިޔަ ކަންތައްތަކަކީ ގިނަ ޒަމާންތަކަކަށް ހަނދާނުގައި ހުންނާނެ ކަމެއް. ކެރިއަރުގައި އެންމެ މޮޅަށް ކުޅެވުނު ރޭގެ ހަނދާންތަކަކީ އެންމެން ވެސް ތަހައްމަލު ކުރާނެ ކަންކަން." ސައުތުގޭޓް ބުންޏެވެ.

މިހާތަނަށް އިންގްލެންޑްގެ ޖާޒީގައި 11 ލަނޑުޖަހައިދީފައިވާ ސަކާ ބުނީ، "ބުނާނެ އެއްޗެއް ނޭނގޭ، އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ. ރަޝްފޯޑްއާ އަހަރެމެންގެ ދެމީހުން ވަރަށް ޑައިރެކްޓްކޮށް ކުޅުނީ. އަދި، ފުރަތަމަ ހާފަށް ފަހު ޓްރެންޓް (އެލެގްޒެންޑާ އާނޯލްޑް) ބުނި އެ ޕާސް ޖަހައިދޭނެ ކަމަށް. ހަމަ އެގޮތަށް އޭނާ އެ ކަން ކުރި،"

ރޭގެ މެޗުގައި އިންގްލެންޑްގެ ބުކާޔޯ ސަކާ (ކ) ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ

ކުރީ މެޗެކޭ އެއްފަދައިން ރޭގެ މެޗުގައި ވެސް އިނގިރޭސި މިޑްފީލްޑްގައި މޮޅު ކުޅުމެއްދެއްކި ޓްރެންޓްގެ ފަރާތުން ފެނިގެންދިޔަ ރީތި 40 ޔާޑުގެ ޕާހަކުން ސަކާ ކާމިޔާބުކުރި ދެވަނަ ގޯލަށް ގިނަބައެއްގެ ތަޢުރީފު ލިބިގެންދިޔައިރު އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވެސް ދެ ގޯލް ކާމިޔާބުކުރިއެވެ. އިންގްލެންޑްގެ އަނެއް ލަނޑުތައް ޖަހައިދިނީ މާކަސް ރަޝްފޯޑްގެ އިތުރުން ކެލްވިން ފިލިޕްސް އެވެ.

ސަކާއާ ބެހޭގޮތުން ސައުތުގޭޓްއާ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ، "ސަކާ އަކީ މިހާރުވެސް އެލީޓް ލެވެލްގެ ކުޅުންތެރިއެއް. އޭނާ ވަނީ އެތައް ހުރަސްތަކަކާ ކުރިމަތިލައި އާސެނަލް ޓީމާއެކު އެންމެ މަތީ ލެވެލްގައި ވިދާލަން ފަށާފަ. ޓީމު މޮޅަށް ކުޅޭއިރު އޭނާގެ ފަރާތުން ވެސް ފެނިގެންދަނީ ތަފާތު މޮޅު ކުޅުމެއް. މީގެއިން ވެސް އެތައް ކަމެއް ބުނެދޭ. އޭނާ އަކީ މަސައްކަތްކުރަން ވަރަށް ފަސޭހަ ކުޅުންތެރިއެއް." 

މީގެއިތުރުން، ސައުތުގޭޓް ވަނީ މި ފަހަރުގެ ސީޒަނުގައި މެންޗެސްޓާ ސިޓީއާއެކު 'ޓްރެބަލް' ހާސިލްކުރުމަށްފަހު އިންގްލެންޑް ޓީމުގެ ކޭމްޕާ ގުޅުނު ކުޅުންތެރިން ކަމަށްވާ؛ ކައިލް ވޯކާ، ޖޯން ސްޓޯންސް، ފިލިޕްސް އާއި ޖެކް ގްރީލިޝްއާ މެދު ހިތްހަމާޖެހޭ ކަމަށް ބުނެފައެވެ.