ސައުދީ އަރަބިއާގެ ފްލައިނާސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެ އެއަރލައިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނުއެވެ.

މި ފްލައިޓު ވީއައިއޭ އަށް ޖެއްސުމުން ވޯޓަރ ސެލިއުޓެއް ދީފައިވާއިރު، މި ފްލައިޓަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، ސައުދީ ސަފީރު މަތުރިކް އަލްދައުސަރީ އެވެ.

ފްލައިނާސްއިން އަލަށް ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން ޑރ. މައުސޫމް ވިދާޅުވީ ސައުދީގެ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއް ކަމަށާއި ފްލައިނާސްގެ ދަތުރުތައް ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިދަތުރުތަކާއެކު ދިވެހިންނަށް ސައުދީއަށް ދިއުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފްލައިނާސް އެއަރލައިނުން ރާއްޖެއަށް ދަތުރުކުރުމަށް ނިންމާފައިވަނީ ސައުދީގެ ވެރިރަށް ރިޔާޟުގެ  ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން ސީދާ މާލެއަށެވެ. އެގޮތުން ހަފުތާއަކު ތިން ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެ އެއަރލައިނުބް ބުނެއެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށާއި ޓިކެޓުގެ އަގަކީ 800 ރިޔާލު ނުވަތަ 213 އެމެރިކާ ޑޮލަރު ކަމަށް ވެސް ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 8367 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިދިޔަ އަހަރުގެ މިމުއްދަތުގައި ސައުދީ އަރަބިއްޔާއިން ރާއްޖެއައީ 10،666 ފަތުރުވެރިންނެވެ.