މިއަހަރުގެ އަޟުހާ އީދު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތަކެއް ބ. ފުޅަދޫއަށް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން 26، 27، 29 އަދި ޖުލައި 1 ވަނަ ދުވަހު ކަމަށެވެ. އަދި މި ދަތުރުތަކުގެ ބުކިންގސްއަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ދަތުރުތަކުގައި ކޮންމެ ޕަސިންޖަރަކަށް 15 ކިލޯގެ ލަގޭޖް ގެންދެވޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
މި ދަތުރުތައް ތާވަލު ކުރީ ބ. އަތޮޅަކީ ޚާއްސަކޮށް ގޮއިފުޅަފެހެންދޫ (ގޮއިދޫ، ފުޅަދޫ، ފެހެންދޫ) އަކީ ކޮންމެ އަހަރެއްގެ ވެސް އަޟުހާ އީދަށް ގިނަ އަދަދެއްގެ މީހުން ދާ ސަރަހައްދަކަށްވާތީ އާއި އެއީ ފަތުރުވެރިކަމުގައި ވެސް ނަމޫނާ ސަރަހައްދަކަށް ވާތީ ކަމަށެވެ.
ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެސް މަގުބޫލު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ބ. އަތޮޅަކީ ރާއްޖޭގެ މަޝްހޫރު މަންޓާ ޕޮއިންޓް، "ހަނިފަރު ބޭ" އޮންނަ އަތޮޅެވެ.
މަންޓާއަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށްވާއިރު، އެ ސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުން ލަފާދޭ ގޮތުގައި ހަނިފަރަށް އެންމެ ގިނައިން މަންޓާ އަރަނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރު މަހާ ދޭތެރޭގައެވެ.
ގައުމީ އެއަރލައިނުން ވަނީ ދާދި ފަހުން ބ. ދަރަވަންދުއަށް ވެސް ދަތުރުކުރަން ފަށާފަފައެވެ.
އެހެންނަމަވެސް ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ އަކީ އަތޮޅުގެ ބޭރުން ވަކިން އޮންނަ ތިން ރަށަށްވާތީ، އެ ރަށްތަކަށް ދާންޖެހެނީ ލޯންޗު ކުއްޔަށް ނަގައިގެން ނުވަތަ ފެރީގައެވެ.
