ކެންދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުގައި އެފްސީ ރައިވަލްސް އަތުން ބީ.އެލް.ޓީ އިން ބޮޑު މޮޅެއް ހޯދައިފިއެވެ. މި މެޗުން ބީ.އެލް.ޓީ މޮޅުވީ 9-5 ގެ ނަތީޖާއަކުންނެވެ.

ގިނަ ގޯލުތަކެއް ފެނުނު މި މެޗުގައި ރައިވަލްސްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ބީ.އެލް.ޓީގެ ގޯލުތައް ޖަހައިދީފައި ވަނީ އެޓީމުގެ ޖާޒީ ނަންބަރ 27، ހަމްޒާ އަބޫބަކުރާއި ޖާޒީ ނަންބަރ 10، އަބްދުއް ސަމީއު އަދި ޖާޒީ ނަންބަރ 17، އަހްމަދު އީމާޒުގެ އިތުރުން ޖާޒީ ނަންބަރ 19، ހަސަން ޒަރީރެވެ. މި މެޗުގައި ހަމްޒާގެ ފަރާތުން 4 ގޯލު ފެނުނިގެން ދިޔައިރު، އަހްމަދު އީމާޒް އަދި އަބްދުއް ސަމީއު ވަނީ ދެ ގޯލު ޖަހައިދީފައެވެ. ބީ.އެލް.ޓީ މީގެ ކުރިން އެއް މެޗު ކުޅިފައި ވީ އިރު އެ މެޗުން ބީ.އެލް.ޓީ ވަނީ ބަލިވެފައެވެ.

މި މެޗުގައި އެފް.ސީ ރައިވަލްސްގެ ގޯލުތައް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 2، އައިހަމް އަދި ޖާޒީ ނަންބަރ 9، ޝަމާން މޫސާ ގެ އިތުރުން ޖާޒީ ނަންބަރ 14، އަލީ ޖުނައިދެވެ. އައިހަމްގެ ލަނޑު ފެނިގެން ދިޔައީ ޕެނަލްޓީ އަކުންނެވެ. ޝަމާން (ސައްމު) ވަނީ މި މެޗުގައި 3 ގޯލު ކާމިޔާބު ކޮށްދީފައެވެ.

އެފް.ސީ ރައިވަލްސް މި މުބާރާތުގައި ކުޅުނު ދެ މެޗުން ބަލިވެފައި ވީ ނަމަވެސް އަދި ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗް އެބަ އޮތެވެ. އެހެންކަމުން އަދިވެސް ރައިވަލްސް އަށް ސެމީ ފައިނަލްގެ ޖާގަ އެއްކޮށް ގެއްލިގެންނެއް ނުދެއެވެ.

މި މެޗުގައި، ރައިވަލްސްގެ ކުޅުން ތެރިއަކަށް ރީނދޫ ކާޑު ދައްކާފައި ވާއިރު، ބީ.އެލް.ޓީ ގެ ތިން ކުޅުންތެރިއަކަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ، ބީ.އެލް.ޓީ ގެ ޖާޒީ ނަންބަރ 27، ހަމްޒާ އަބޫބަކުރެވެ.

މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ. 

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ.  މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.

މި މުބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ ގްލޯރިއަސް ވިކްޓްރީ އާއި ވިނާސް ބޯއީސް އެވެ.