ޕާކިސްތާނުގެ އަވަށެއް ކަމައްވާ ގިލްގިތް ބަލްތިސްތާނުގެ އުތުރުގައި އޮންނަ ހުންޒާ ވާދީ އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ފަރުބަދަ މަތީ މި ސަރަހައްދަކީ ދުނިޔޭގެ ބިމުގެ ހަމައިން 2438 މީޓަރު އުހުގައި އޮންނަ ސަރަހައްދެކެވެ. 

ހުންޒާ ވާދީ އަކީ މިއަދު މުސްލިމު ސަރަހެއްދެއް ނަމަވެސް އެއީ ގަދީމީ ސިލްކް ރޯޑުގައި އޮތް ބުދުދީނުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ބުދުދީނުގެ މުއްސަނދި ތާރީހެއް އޮވެއެވެ. ގަދީމީ ފައްޅިތައްވެސް ހުރެއެވެ. ނަމަވެސް މިއަދު އެ ސަރަހައްދަކީ މުސްލިމު ސަރަހައްދެކެވެ.

މި ވާދީގެ ނަން ދެވުމުގައި މި ވާދީގައި އޮންނަ ކޯރެއް ކަމަށްވާ ހުންޒާ ކޯރުގެ ނަމަށް ބަލާފައިވާކަން ތާރީހުން އެނގެއެވެ. 2010ވަނަ އަހަރު ޖެނުއަރީ މަހު 4ވަނަ ދުވަހު، އެ ސަރަހައްދަށް ދިމައިވި، ބިންގަނޑު ކަޑައިގެން ދިއުމުގެ ހާދިސާއެއްގައި، ހުންޒާ ކޯރުގެ އެއްބައި ބެދި، ދައުރުނުވާ ފެންގަނޑެއް އުފެދުނެވެ. މި ފެންގަނޑަށް އައްތަބާދް ފެންގަނޑޭ ނުވަތަ ޝިޝްކަތް ފެންގަނޑޭ ކިޔައެވެ. މިއީ ވެސް ޤުދުރަތީގޮތުން ރީތި މަންޒިލަކަށް މިއަދު މި ވަނީ ވެފަައެވެ. ޖުމުލަކޮށް ފިނި އެ ސަރަހައްދުގައި އޮންނަ މި ފެންގަނޑުގެ ކުލަ، ނޫކުލައިން ފެންނައިރު، ފެންގަނޑު ސާފެވެ. އަދި ފެންގަނޑު ފިންޏެވެ.

ރަބީޢު މޫސުމުގައްޔާއި ހަރީފު މޫސުމުގައި އަދި ބަހާރު މޫސުމުގައި މި ސަރަހައްދުގެ ފަރުބަދަތަކުގެ ކުލަތައް ތަފާތުވެ ދަނީ ފޮޅިދާ މާމެލާމެއްޔާއި މިލާ ދާ ފަތްތަކާއި ފަޅާ ތަފާތު އެކި ވައްތަރުގެ ވިނައިގެ ސަބަބުންނެވެ. މިއިން ކޮންމެ މޫސުމެއްގައި ވެސް މި ސަރަހައްދަށް ވެރިވެފައި ވާނީ އަޖައިބެެއްކަހަލަ ރީތި ކަމެކެވެ. ދުރުން ފެންނަ ބޮޑެތި ފަރުބަދަ ތަކުގެ ތެރެއިން ހިޔަނިވެލާ ކުލަ ކުލައިގެ ކުދިފަރުބަދަކުގެ ރީތިކަމާއެވެ. އަދި ފެންނަން ހުންނަ ޤަދީމީ ބިނާތަކުގެ ރީތިކަމާއެވެ.

ޕާކިސްތާނުގެ ކާރޫބާރޫ ބޮޑު ކަމާއި ހަލަބޮލިކަމުން ދުރުގައި އޮންނަ ހުންޒާ ވާދީއަށް، ފަތުރުވެރިން ޒިޔާރަތްކުރަނީ އެތަނުގެ އަމާން ކަމާއި ހިމޭންކަމުގެ ސަބަބުންނެވެ. އެތަނުގެ ޤުދުރަތީ ރީތި ކަމުގެ ސަބަބުންނެވެ. އެތަނުގެ މުއްސަނދި ތާރީހުގެ ސަބަބުންނެވެ. އެތަނުގެ އެކަހެރިކަމާއި ހާމަކަމުގެ ސަބަބުންނެވެ. 

ޕާކިސްތާނުގެ ލާހޫރުން ފުރައިގެން ހުންޒާ ވާދީއަށް ދެވޭނެއެވެ. ފަތުރުވެރިންނަށް ކަމުދާނެ ހޮޓާ ތަކާއި ރެސްޓޯރެންޓުތައް މި ސަރަހައްދުގައި ހުންނައިރު، ޔޫރަޕުގެ ގިނަ ފަތުރުވެރިން މި ސަރަހައްދަށް "ހައިކިން" އަށް އައިސް އުޅެއެވެ. ޕާކިސްތާނާއި އިންޑިޔާ އާއި ނޭޕާލް އަދި ޗައިނާގެ ކެއުންތަކުގެ ރަހަތަށް މި ސަރަހައްދުގެ ބައެއް ރެސްޓޯރަންޓު ތަކުން ލިބެން ހުރެއެވެ. ޗުއްޓީ ހޭދަކޮށްލަން ދިއުމަށް މިއީވެސް ރަނގަޅު މަންޒިލެކެވެ.