ވެސްޓް ހޭމް ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރު، ޑެކްލަން ރައިސް ގަތުމަށް އާސެނަލުން ކުރި ދެވަނަ ބިޑަށް އެ ކްލަބުން ނޫނެކޭ ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވެސްޓް ހޭމްގެ ކެޕްޓަން ކުރަމުން އަންނަ އުމުރުން 24 އަހަރުގެ ރައިސް ހޯދުމަށް އާސެނަލުން އެންމެ ފަހުން ހުށަހެޅި ބޯނަހާއެކު މުޅި ޖުމްލަ 90 މިލިއަން ޕައުންޑްގެ ބިޑެކެވެ.
އަދި މި ބިޑުގެ އަގު ބޯނަހާއި ނުލައި 75 މިލިއަން ޕައުންޑަށް އަރާއިރު އާސެނަލުން ބޭނުންވަނީ ހަތަރު ފަހަރުގެ މަތީން އެ ޕޭމަންޓް ދައްކާށެވެ.
ވެސްޓް ހޭމުން ވަނީ މިދިޔަ ހަފްތާގައި ރައިސް ގަތުމަށް އާސެނަލުން ހުށަހެޅި ފުރަތަމަ ބިޑު ވެސް އަނބުރާ ފޮނުވާލައިފައެވެ. އެއީ، އާސެނަލުން ހުށަހަޅާ އަގަށް ވުރެ ބޮޑު ޓްރާންސްފީއެއްގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ނިންމުމަށް ވެސްޓް ހޭމުން ބޭނުންވާތީ އެވެ.
މީގެކުރީން، ވެސްޓް ހޭމްގެ ޗެއާމަން ޑޭވިޑް ސުލިވަން ވަނީ ކުރިއަށް އޮތް ސީޒަނުގައި ރައިސް އެ ޓީމު ދޫކޮށްލާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ބުނެފައެވެ.
2016/17 ވަނަ އަހަރުގެ ސީޒަނުގައި ވެސްޓް ހޭމްގެ އެކަޑެމީ މެދުވެރިކޮށް، ސީނިއާ ޓީމަށް ކުޅެން ފެށި ފަހުން ރައިސް ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 245 މެޗުގައި 15 ލަނޑުޖަހައިދީފައެވެ. އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް 41 މެޗު ކުޅެދީފައިވާ ރައިސް ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕްގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ.
ރައީސްއާ އެކު ވެސްޓް ހޭމުން ހަދާފައިވާ ކޮންޓުރެކްޓް ހަމަވާން ބާކީ އެއް އަހަރު އޮތްއިރު، އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ފުރުޞަތު އެ ކްލަބަށް ލިބިގެންވެއެވެ.
