ލޮނުޒިޔާރާތް ކޮޅުގައި ތަރައްގީކުރި ފެހިކަންގަދަ " ލޮނުޒިޔާރަތް ޕާކް " ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހުޅުވައިފިއެވެ. މިޕާރކް ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ހަވީރު 5:00 ގައި ވަނީ ބާއްވާފައެވެ.
މި ޕާކުގައި ޖޮގިންގ ލޭނަކާއި، ބައިސްކަލު ދުއްވާނެ ލޭނެއްގެ އިތުރުން ކުޑަކުދިން ކުޅޭނެ ޖާގަވެސް ތަރައްޤީކޮށްފައިވެއެވެ. އަދި އާންމުންނަށް އިށީދެ ތިބެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެޕާކުގައި ވަނީ ތަފާތު ވައްތަރުގެ ގަސްތަކާއި، ރުއްތައް އިންދައި ޕާކު އެއްކޮށް ފެހިކޮށްފައެވެ
ރާއްޖޭގެ އެންމެ ބޮޑު ބަގީޗާއަށް މި ޕާކްވާނެ ކަމަށާއި، އެތަން ތަރައްޤީކުރަނީ ވީހާވެސް މަދުން މަރާމާތު ކުރަންޖެހޭ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ވަނީ ވިދާޅުވެފައެވެ. ޝަމާއު މީގެކުރިން ވިދާޅުވެފައިވަނީ، ޕާކު ހުޅުވިޔަސް އެތަނުގައި އަމަލުކުރާނީ އެޗްޕީއޭއިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް އަދި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންނެވިއެވެ.
