ޕޯޗުގަލް ގައުމީ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެދިން ތާރީޚީ 200 ވަނަ މެޗުގައި ކާމިޔާބުކުރި ގޯލާއެކު ޔޫރޯ ކޮލިފައިންގައި އެ ޓީމުން 1-0 ގެ ނަތީޖާއަކުން އައިސްލެންޑް ބަލިކޮށްފައެވެ.
ރޭގެ މެޗާއެކު ރޮނާލްޑޯ، 38، ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ފިރިހެން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ. ކުރީން މި ރެކޯޑް އޮތީ ކުވެއިތުގެ ބަދޭރު އަލް މުތާވާ އަތުގައެވެ. އެއީ، 196 މެޗު ކުޅެގެންނެވެ. ރޭ އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީން އެކަން ފާހަގަކުރުމުގެ ގޮތުން ރޮނާލްޑޯ އަށް ގިނީސް ވޯލްޑް ރެކޯޑްސް އިން ހާއްސަ ސެޓިފިކެޓެއް ވަނީ ދީފައެވެ.
އައިސްލޭންޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 89 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރީ ގޮންކާލޯ އިނާސިއޯ ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރުގެ ކޮލިފައިންގައި ރޮނާލްޑޯ ޖެހި ފަސްވަނަ ލަނޑެވެ. އަދި މިއީ ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ޖަހައިދިން 123 ވަނަ ގޯލުވެސްމެއެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް ރޮނާލްޑޯ އަތުގައެވެ.
މި މެޗުގެ ފަހުބައިގައި އައިސްލޭންޑްގެ ވިލުމް ވިލަމްސަން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

"މިއީ އަހަރެންނަށް ޤަބޫލުކުރަން ދަތި ކާމިޔާބީއެއް،" މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ މިއީ އަޖައިބުކުރަނިވި ކަމެއް ކަމަށެވެ. އަދި ޓީމު މޮޅުކޮށްދިން ލަނޑުޖަހައިދެވުމުން އިތުރަށް ހާއްސަވާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ގްރޫޕް އޭ ގައި ހިމެނޭ ސްކޮޓްލެންޑުން ވަނީ 2-0 ގެ ނަތީޖާއަކުން ޖޯޖިއާ ބަލިކޮށްފައެވެ. މި ގްރޫޕުގައި ހިމެނޭ ނޯވޭ އިން ވަނީ 3-1 އިން ސައިޕްރަސް ބަލިކޮށްފައެވެ.
ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ބޮޑު ހައިރާންކަމެއް ގެނުވީ ގްރޫޕް އީ ގައި ޕޮލެންޑް އަތުން ފަހަތުންއަރައި 3-2 އިން މޮލްޑޯވާ މޮޅުވި މެޗުންނެވެ. ދުނިޔޭގެ ރޭންކިންގެ 171 ވަނައިގައި އޮތް މޮލްޑޯވާ އިން ރޭގެ މެޗުގައި ވަނީ އާދަޔާ ހިލާފު ހިތްވަރެއް ދައްކާފައެވެ.
ގްރޫޕް އެފްގައި ރޭ ކުޅުނު މެޗުގައި އެސްޓޯނިއާގެ ދަނޑުގައި 3-0 އިން ބެލްޖިއަމް މޮޅުވިއިރު އޮސްޓްރިއާގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން ސްވިޑެން ބަލިކޮށްފައެވެ.
