މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އުނދަގުލާއެކު ބޫޓާން އަތުން 2-0 އިން މޮޅުވެއްޖެއެވެ.
ބެންގަލޫރުގެ ސްރީ ކަންޓިރާވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭން ލީޑްނެގީ ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުޙައްމަދު ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބޫޓާންގެ ޓެންޒިން ދޯރްޖީ ރާއްޖޭގެ ހަމްޒާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ އިބްރާހިމް ވަހީދު ހަސަން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ރާއްޖޭގެ ގޯލަށްފަހު ބޫޓާނުން ވަނީ މެޗުގެ ކޮންްޓްރޯލް އަތުލައި، ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ވެސް އެ ޓީމުން ވަނީ ހުސެއިން ޝަރީފް ބަލަހައްޓަމުންދިޔަ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.
މި ހާފުގައި ބޫޓާނަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާ ބޭރުން އެ ޓީމުގެ ކާމާ ޝެޑްރުޕް ޝެރިން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ޝަރީފް އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ޔެޝީ ދޯރްޖީ ފޮނުވާލުމުން ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ބޫޓާނުގެ ޝެލްތްރިމް ނަމްގްޔެލް ގޯލެއް ކާމިޔާބުކުރިނަމަވެސް އެ ބޯޅަ ފޮނުވާލުމުގެ ކުރީން ބޫޓާނުގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އޭގެފަހުން، ކުޅުމުގެ ތެރެއިން ރާއްޖޭގެ ކީޕަރު ޝަރީފް ބޯޅަ ފޮނުވާލުމުގެ ކުރީން އަތަށް ނެގުމަށްފަހު އަލުން އޭރިޔާތެރެއަށް ވައްޓާލުމުން ރެފްރީ ވަނީ ނުސީދާ ޖެހުމެއް ދީފައެވެ. މި ބޯޅަ ރާއްޖޭގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފައެވެ.
ދެވަނަ ހާފުގައި ވެސް ބޫޓާނުން ލަނޑެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، އޭގެތެރެއިން އެންމެ ހަމަލާއެއްގައި ވެސް ގޯލެއް ކާމިޔާބުނުކުރެވުނެވެ. މެޗު ނިމެން ދަނިކޮށް އެ ޓީމުގެ ނިމާ ވަންގްޑީ ވަނީ ލަނޑެއްޖެހުމާ ގާތަށް ޖެހިލާފައެވެ. އޭނާ ފޮނުވާލި ބޯޅަ ޑިފްލެކްޓްވުމަށްފަހު އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ރާއްޖޭން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ނާއިޒް ހަސަން (ދާދު) އެވެ. މިއީ ކައުންޓާއެއްގައި ރާއްޖޭގެ އިބްރާހިމް އައިސަމް ދިން ބޯޅައަކުން ބޫޓާންގެ ކީޕަރު ޝެރިން ޑެންޑަޕް ކައިރިން ނައްޓާލުމަށްފަހު ދާދު ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކައި ދަނޑުން ފޮނުވާލުމުން ފަހުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ހަންނަ ކުޅެން ނިކުތީ ފަހު ހާފުގެ ކުރީކޮޅު އެވެ.
މި މުބާރާތުގައި މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ދެމެދުގައި މިއަދު ހަވީރު ކުޅުނު މެޗުން ލެބަނަން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. މި ގްރޫޕުގައި ރާއްޖެ އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދުވަހު ބޫޓާން ނިކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.
